ކޮވިޑް-19 އާ ގުޅިގެން އެކުލަވާލި ހއ. އަތޮޅު ކޯޑިނޭޓިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން

ކޮވިޑް-19 އާ ގުޅިގެން ހއ. އަތޮޅު ކޯޑިނޭޓިންގ ކޮމިޓީއެއް އެކުލަވާލައި ކޮމިޓީގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަވަން ފައްޓަވައިފިއެވެ.

މި ކޮމިޓީގައި، ހއ. އަތޮޅު ރަށްރަށުގެ ސިއްޙީމަރުކަޒުތައް ހިންގަވާ ވެރިންނާއި، ހއ. އަތޮޅު ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަތޮޅު ކައުންސިލްގެ ރައިސްއާއި، އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އާއި އަތޮޅު ޕޮލިސް އިންޗާޖާއި، އެޗް.ޕީ.އޭއިން ކަނޑައަޅުއްވާފައިވާ ހއ. އަތޮޅު ފޯކަލް ޕޮއިންޓާއި، އަދި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ހއ. އަތޮޅު ފޯކަލް ޕޮއިންޓް ހިމެނޭކަމަށް އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިއެވެ.

ކޯޑިނޭޓިންގ ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ކޮވިޑާ ގުޅިގެން ހއ. އަތޮޅު ރަށްރަށުގައި ހުރި ކަންބޮޑުވުންތަކާއި ކޮވިޑް މެނޭޖް ކުރުމުގައި ހުރި ގޮންޖެހުތަކާއި ކޮވިޑްގެ ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ކޮވިޑާ ގުޅިގެން އަތޮޅަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައިވެސް މެދުވެރިއެއްގެބައި އަދާ ކުރުމުގައި މިކޮމިޓީ އިސްދައުރެއް އަދާކުރައްވާނެއެވެ.

މިގޮތުން ހއ. ކޯޑިނޭޓިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން 31 މެއި 2021 ގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި  ވާހަކަ ދެކެވުނީ އަތޮޅުގައި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަމާއި އަތޮޅުން ޕީ.ސީ.އާރ ޓެސްޓް ކުރެވޭނެ ނިޒާމެއް ނެތުމުން އެކަމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މައްޗަށެވެ. އަދި މިނޫނަސް ކޮވިޑާ ގުޅިފައިހުރި އެކި މައްސަލަތަކާއި ސިއްޙީމަރުކަޒުތަކަށް މިވަގުތު ދިމާވެފައިވާ މައްސަލަތައްވެސް ކޮމިޓީން ނެންގެވިއެވެ. މަޢުލޫމާތު ލިބުނު ގޮތުގައި ކައިރި މުސްތަގުބަލެއްގައި ކޮވިޑް ފެސިލިޓީގެ ގާއިމު ކުރެވޭނެ ކަމަށާއި އަދި ލަހެއްނުވެ ޕީ.ސީ.އާރ މެޝިން ލިބޭނެކަމުގެ ފެހި ސިގުނަލް ސަރުކާރުން ދެއްވާކަމަށްވެސް މެމްބަރުންގެ ފަރާތުން މަޢުލޫމާތު ލިބުނެވެ.

ޒޫމް މެދުވެރިކޮށް ބޭއްވުނު މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ހއ. އަތޮޅު ތަމްސީލްކުރާ މަޖިލިސް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިރޭ އޮންނާނެއެވެ.