ކެލާ ކަނޑޫފާ އާދަޔާޚިލާފު ބާރުމިނެއްގައި މަރުވަމުންދަނީ
ހއ. ކެލާ ކަނޑޫފާ އާދަޔާ ޚިލާފު ބާރުމިނެއްގައި މަރުވަމުންދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކެލާ ކަނޑޫފަލުން މިފަހަރު މަރުވަމުންދަނީ ކުރިން ރަނގަޅަށް ހުރި ބޮޑަވަކި ގަސްތައް ހިމެނޭ ސަރަހައްދުގައިވާ ކަނޑޫގަސްތައް ކަމަށާއި އެގޮތުން މިސަރަހައްދުން ވަރަށްގިނަ އަދަދަކަށް ކަނޑޫ ގަސް މަރުވެފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި އެރަށުން ކަނޑޫގަސް މަރުވަމުންދާ ކަމުގެ ރިޕޯރޓް އެންވަޔަރަންމަންޓް މިނިސްޓްރީއަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށާއި މިދިޔައަހަރުވެސް ކަނޑޫގަސްތައް މަރުވަމުން ދިއުމާ ގުޅިގެން ދިވެހި ސަރުކާރާއި އިންޑިޔާގެ އެކްސްޕާރޓުންގެ ޓީމަކުން ދިރާސާކޮށްފައިވާކަމަށް ވެއެވެ. ނަމަވެސް މި ދިރާސާގެ ރިޕޯރޓް އަދި މިހާތަނަށް ލިބިފައި ނުވާކަމަށްވެސް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
ކެލާ ކަނޑޫފަލަކީ ބޮޑު ތިލަދުންމަތިން ހިމާޔަތް ކުރެވިފައިވާ އެންމެބޮޑު ކަނޑޫފަލެވެ.