ބާރަށުން އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ބާރަށުން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ މި ބައްޔަށް ބާރަށުން ޕޮޒިޓިވް ކޭސް ފެނުނު ދެވަނަ ފަހަރެވެ. މީގެކުރިންވަނީ އެރަށުން ހޯމް ކަރަންޓީނުގައި ތިބި އެއްގެއެއްގެ ނުވަ މީހަކު ޕޮޒިޓިވް ވެފައެވެ. އެހެންކަމުން މިހާތަނަށް ބާރަށުން 13 މީހަކުވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މަޢުލޫމާތު ލިބުނު ގޮތުގައި އެންމެފަހުން ޕޮޒިޓިވްވި ހަތަރު މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި މީހުންނާ ކޮންޓެކްޓްވި ފަރާތްތަކުގެ ސާންޕަލްތަކުން ޕޮޒިޓިވްވި ފަރާތްތަކެވެ.

ބާރަށު ކައުންސިލުން ވިދާޅުވިގޮތުގައި މިމީހުންނާ ކޮންޓެކްޓްވި ފަރާތްތައް މިހާރު އަންނަނީ ހޯދަމުންނެވެ.