އަތޮޅު ޤުރްއާން މުބާރާތުގައި 11 ރަށަކުން ބައިވެރި ވެއްޖެ

ހއ. އަތޮޅު ޤުރްއާން މުބާރާތް 1442 ގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު 11 ރަށަކުން ބައިވެރި ވެއްޖެއެވެ. 3 ރަށަކުން ބައިވެރި ވެފައެއް ނުވެއެވެ.

ވޭތުވެދިޔަ އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރު މި މުބާރާތުގައި ބައިވެރިވެފައިވާ ރަށްރަށުގެ ޢަދަދު ގިނަކަމަށް ދައްކައެވެ.

ވާރޗުއަލްކޮށް ބާއްވާ މި މުބާރާތުގައި އެއް ރަށަކުން އެންމެ ގިނަވެގެން ބައިވެރި ވެވޭނީ ވިހި ބައިވެރިންނަށެވެ. ވިހި ބައިވެރިންނަށްވުރެ މަދުން ހޮވޭ ރަށްރަށަށްވެސް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދެވޭނެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 4 މާރިޗް 2021 ވަނަ ދުވަހުގެ ރޭ 20:30 ގައި ހުރިހާ ރަށެއް އެއް ގަޑިއެއްގައެވެ. ކިޔެވުމުގެ ރެކޯޑިން އަޑުއަހައިގެން ފަނޑިޔާރުން އިންސާފުކުރުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ރެކޯޑިންގ ފޮނުވަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 10 މާރިޗް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ. މިގޮތަށް ހަމަޖައްސަން ޖެހުނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.