އެޑްމިން އޮފިސަރ ޝަރީފާ މުޙައްމަދު ވަޒީފާއިން ރިޓައަރ ކުރައްވައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއަށް 34 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޝަރީފާ މުޙައްމަދު ސަރުކާރު ވަޒީފާއިން ރިޓައަރ ކުރައްވައިފިއެވެ. ޝަރީފާ މުޙައްމަދު ރިޓައަރ ކުރައްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

އަލްފާޟިލާ ޝަރީފާ މުޙައްމަދު މިހާ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވުމާ ގުޅިގެން އެކަމަނާގެ ޝަރަފުގައި ހއ. އަތޮޅު ކައުންސިލް އިދާރާއިން ހަފްލާއެއް ބާއްވައިފިއެވެ. މި ހަފުލާގައި ޚިދުމަތުގެ ހަނދާނީ ފިލާ ޙަވާލުކޮށް ދެއްވުން އޮތެވެ. ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިންއެވެ. މި ޙަފުލާގައި އަތޮޅު ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލްފާޟިލާ ޝަރީފާ މުޙައްމަދަށް ހަނދާނީ ފިލާ ހަވާލުކޮށް ދެއްވުމަށްފަހު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިންއާއި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ޝަފީޤާއި ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ނަޢީމް ވާހަކަފުޅު ދެއްކެވިއެވެ. މިބޭފުޅުންގެ ވާހަކަފުޅުގައި ޝަރިފާ މުޙައްމަދަކީ ޙަވާލުކުރެވޭ މަސައްކަތް ބަރާބަރަށް ނިންމުމުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްފައިވާ ނަމޫނާ މުވައްޒަފެއްކަން ފާހަގަ ކުރެއްވިއެވެ.

އަލްފާޟިލާ ޝަރީފާ މުޙައްމަދު މިވީ 34 އަހަރު ދުވަހުގެ ތެރޭގައި ތަފާތު 6 މަޤާމެއް އަދާކުރެއްވިއެވެ. އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި އޭރުގެ އަތޮޅު އޮފީހުގެ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ކާތިބުކަމާއި، ސީނިޔަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމްގައެވެ.

ޝަރީފާ މުޙައްމަދު އަތޮޅު އޮފީހާއި ގުޅިވަޑައިގެންނެވީ 19 ޖޫން 1986 ގައެވެ.