ހއ. އަތޮޅު ޤުރްއާން މުބާރާތް 1442 ބާއްވާގޮތަށް ހަމަޖެހިއްޖެ

ސިލްސިލާކޮށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ޤުރްއާން މުބާރާތް މިއަހަރުވެސް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

1442 ވަނަ އަހަރުގެ އަތޮޅު ޤުރްއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ވާރޗުއަލްކޮށެވެ. މިގޮތަށް ހަމަޖައްސަން ޖެހުނީ ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރެމުންދާތީއާއި މިފަދަ މުބާރާތްތައް އެންމެން އެއްތަނަކަށް އެއްވެގެން ބޭއްވުން އެއީ ސިއްޙީގޮތުން އެހާ ރައްކާތެރި ކަމަކަށް ނުވާތީއެވެ.

ވާރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވެވޭނީ ކޮންމެ ރަށަކުން ރަށު ފެންވަރުގައި ބާއްވާ މުބާރާތުން ނުވަތަ ރަށު ފެންވަރުގައި ބޭއްވޭ އޮޑިޝަނުން ހޮވާލެވޭ 20 ބައިވެރިންނަށް ކަމަށާއި 20 ބައިވެރިންނަށްވުރެ މަދުން ހޮވޭ ރަށްރަށަށްވެސް މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އޮންނާނެއެވެ.

މި މުބާރާތް ފެށޭނީ 04 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެ. ރަށު ފެންވަރުގައި ބާއްވާ އޮޑިޝަނުގެ ރެކޯޑިން އަތޮޅު ކައުންސިލަށް ފޮނުވުމުގެ އެންމެފަހު ތާރީޚަކީ  10 މާރިޗް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އެންމެފަހުން ޤުރްއާން ކިޔެވުމުގެ ހއ. އަތޮޅު މުބާރާތް ބާއްވާފައިވަނީ 1440 ވަނަ އަހަރު ކެލާގައެވެ. 1441 ވަނަ އަހަރު ޤުރްއާން މުބާރާތް ބޭއްވިފައިނުވަނީ ކޮވިޑް ރޯގާގެ ސަބަބުން ރާއްޖޭގައި ގިނަ ކަންތައްތަކެއް ހުއްޓުމަކަށް އައުމާ ގުޅިގެންނެވެ.

މި މުބާރާތުގެ ޤަވާޢިދާއި ފޯމްތައް މި އިދާރާގެ ވެބްސައިޓް  www.halifatoll.gov.mv  ޑައުންލޯޑް ކުރެވޭނެއެވެ.