އިހަވަންދޫ ކައުންސިލުން ކުނިއުކައި ދިނުމުގެ ޚިދުމަތް ފައްޓަވައިފި
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ކުނި ނައްތާލުމުގެ ޚިދުމަތް އިހަވަންދޫ ކައުންސިލުން ފައްޓަވައިފިއެވެ. ފެބުރުވަރީ 1 ވަނަ ދުވަހު ފެށުނު ކުނި ނައްތާލުމުގެ މި ޚިދުމަތް ފައްޓަވައި ދެއްވީ އެރަށު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. އިހަވަންދޫ ގޭބިސީތަކުގައި އުފެދޭ ކުނި އުކައި ދިނުމުގައި ހަރަކާތްތެރިވަނީ އެކަމަށްޓަކައި ޚާއްސަ މުވައްޒަފުން ނަގައިގެންނެވެ. މި މަސައްކަތުގައި 5 މުވައްޒަފުން ހަރަކާތްތެރި ވެއެވެ.
ކައުންސިލުން ވިދާޅުވިގޮތުގައި ގާތްގަޑަކަށް ހަލައްކަ ރުފިޔާއަށްވުރެ ބޮޑު ބަޖެޓަކުން ކުނި އުކާލުމުގެ ޚިދުމަތް އިހަވަންދޫ ކައުންސިލުން ފެއްޓެވީ މީގެކުރިން އެރަށުގައި މި ޚިދުމަތް ދެއްވި ފެނަކަ ކޯޕަރޭޝަނުން އެ މަސައްކަތް ހުއްޓާލުމާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ކުނި އުކުމުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ މަޤްސަދުގައެވެ.
މިއީ ކައުންސިލްގެ ތިންވަނަ ދައުރުގައި ފެށުނު އެންމެ ބޮޑު އެއް މަސައްކަތްކަމަށް ކައުންސިލުން ވިދާޅުވިއެވެ. ކުނީގެ މައްސަލައަކީ ޙައްލުކުރަން އުނދަގޫ މަސައްކަތަކަށްވިޔަސް އިހަވަންދޫ ކައުންސިލުން މިކަން ފެއްޓީ ވަރަށް ހިތްވަރާއެކުގައެވެ. މިވަގުތު 5 މުވައްޒަފުންނާ އެންމެ ވެހިކަލެއް ބޭނުންކޮށްގެން މި މަސައްކަތް ކުރިނަމަވެސް މުސްތަގުބަލްގައި އިތުރު ވެހިކަލާއި މުވައްޒަފުން ހޯދާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.
އިހަވަންދޫގެ ގިނަ ގޭބިސީތަކުންވަނީ ކުނި އުކާލުމުގެ ޚިދުމަތަށް ބޭނުންވެގެން ރަޖިސްޓްރީ ކޮށްފައެވެ. މިޚިދުމަތް ބޭނުންވާ އިތުރު ފަރާތްތައް ތިބުމާއެކު ރަޖިސްޓްރީ ވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ކުނި އުކުމުގެ ޚިދުމަތް ދެވޭނެ ދުވަސްތަކާއި ކުނިކޮށި އާންމުކޮށް ހުޅުވާފައި ހުންނަ ގަޑިތައް ކަނޑައަޅައި ކައުންސިލުންވަނީ އުސޫލެއް އެކުލަވާލާ ޢާންމުކޮށްފައެވެ.
ކުނި އުކުމުގެ ޚިދުމަތް އެރަށުގައި ފެއްޓުމަށްޓަކައި، ބޭނުންވާ ވެހިކަލް ހޯދުމާއި މުވައްޒަފުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންފައިސާގެ އެހީ ދެއްވާފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިހަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިކަމުގައި އެ ދާއިރާގެ މެމްބަރ އަލްފާޟިލް މުޙައްމަދު ޝިފާޢު ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި އޭނާއަށްވެސް ޝުކުރު އަދާކުރެއްވިއެވެ.