ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ތިން ފުލުހަކު ކޮވިޑަށް ޕޮސިޓިވް ވެއްޖެ

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ 3 ފުލުހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދިއްދޫ ޕޮލިސް ސްޓޭޝަނުން ޕޮޒިޓިވްވި 3 ފުލުހުންނަކީ، މިމަހުގެ 5 ވަނަ ދުވަހު ދިއްދުއަށް ދަތުރުކޮށްފައިވާ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންގެ މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ތިން ފުލުހުންނެވެ. ކުޅުދުއްފުށިން ދަތުރުކުރި މި މީހާވަނި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިކޭސްއާ ގުޅިގެން ހއ. ހދ. ށ އަތޮޅުންވަނީ 88 ސާންޕަލެއް ނަގާފައެވެ. އެނގިފައިވާ ގޮތުގައި މި ސާންޕަލްތަކުން ކުޅުދުއްފުށިން 2 ފުލުހަކުވެސްވަނީ ޕޮޒިޓިވް ވެފައެވެ. ދިއްދޫން ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ނެގި 29 ސާންޕަލްގެ ތެރެއިން 3 ސާންޕަލެކެވެ. މިއާއެކު ހއ. އަތޮޅުން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ 40 ގައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 31 މީހުންނެވެ. އެކްޓިވް ކޭސްގެ ގޮތުގައި 09 މީހަކު އެބަތިއްބެވެ.

މިކޭސްގައި ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ، ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ އެ ފުލުސް އޮފިސަރު ޕޮޒިޓިވް ވެފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރެގެން މިމަހުގެ 4 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ. ސާމްޕަލް ނުލިބެނީސް އޭނާގެ އުފަން ރަށް، ކުރިނބީއަށް މިމަހުގެ 5 ވަނަ ދުވަހު ގޮސްފައި ވެއެވެ. ޕޮޒިޓިވްވިކަން އެނގުނީ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައެއެވެ.