އިހަވަންދޫން އިތުރު ދެ މީހަކަށް ކޮވިޑް ބަލިން ޝިފާ ލިބިއްޖެ

އިހަވަންދޫން ކޮވިޑަށް ފައްސިވި 5 މީހުންގެ ތެރެއިން ދެމީހުން ބަލިން ރަނގަޅުވުމުން މިއަދު ކަރަންޓީނުން ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކަރަންޓީނުން ދޫކޮށްލާފައި ވަނީ އެރަށުގައި ދުއްވާ ތަހުތު ބޯޓު އަދި ޓޫ.ފޯ.ޓޫ ބޯޓުގެ ދެ ފަޅުވެރިންނެވެ. މިއާއެކު އެރަށުން މި ބަލިން 3 މީހުން ރަނގަޅުވީއެވެ.

އިހަވަންދޫން ކޮވިޑުގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި އެރަށުގައި ދުއްވާ ޓޫ.ފޯ.ޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުންނެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިހަވަންދޫން ކޮވިޑު ބައްޔަށް ފައްސިވި ދެވަނަ އަދި ތިންވަނަ މީހާ ބަލިން ރަނގަޅުވުމާއެކު ދޫކޮށްލާފައިވާ ކަމަށާ ކަރަންޓީނުގެ މުއްދަތުގައި އެފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

އިހަވަންދޫން ކޮވިޑަށް ފައްސިވި ފުރަތަމަ މީހާވެސްވަނީ އިއްޔެ ދޫކޮށްލާފައެވެ. މިއާއެކު މިހާރު އިހަވަންދޫގައި ތިބީ ކޮވިޑުގެ ބަލިމީގެ 2 މީހުންނެވެ. އެއީ ދެ ބިދޭސީން ނެވެ.