އިހަވަންދޫން ކޮވިޑަށް ފައްސިވި ފުރަތަމަ މީހާއަށް ބަލިން ޝިފާ ލިބިއްޖެ

އިހަވަންދޫން ކޮވިޑަށް ފައްސިވި ފުރަތަމަ މީހާ ބަލިން ފަސޭހަވުމުން ކަރަންޓީނުން ދޫކޮށްލައިފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިހަވަންދޫން ކޮވިޑުގެ ކޭސް ފުރަތަމަ ފެނިފައިވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި އެރަށުގައި ދުއްވާ ޓޫ.ފޯ.ޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުންނެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒުން ބުނެފައި ވަނީ އިހަވަންދޫން ކޮވިޑު ބައްޔަށް އެންމެ ފުރަތަމަ ފައްސިވި މީހާ ބަލިން ރަނގަޅުވުމާއެކު ދޫކޮށްލާފައިވާ ކަމަށާއި ކަރަންޓީނުގެ މުއްދަތުގައި އެފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

އިހަވަންދޫން ކޮވިޑަށް މީހަކު ފައްސިވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު ފަރާތްތަކުގެ ސާމްޕަލް ނެގި އިތުރު 4 މީހަކު ކޮވިޑަށް ފައްސިވެ، ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 5 އަށް އެރި އެވެ.

ޓޫފޯޓޫ ބޯޓުގެ ކޭޝިއަރު ބަލިން ފަސޭހަވުމާއެކު މިވަގުތު އިހަވަންދޫގައި ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 4 އަށް ތިރިވެފައެވެ.