ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އަތޮޅު ކައުންސިލްގެ ކަންބޮޑުވުން ހާމަކުރުން
ރައްޔިތުންގެ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ތިންކަމެއް ހއ. އަތޮޅުގައި ނުފެށި ލަސްވަމުންދާ މައްސަލަ ހއ. އަތޮޅު ކައުންސިލްގެ 142 ވަނަ ޢާންމު ބައްދަލުވުމަށް ހުށަހަޅައި އެކަމުގައި އަތޮޅު ކައުންސިލުން ކުރެވިދާނެ ކަމަކީ ކޮބައިތޯ ބެލުމުގެ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން ކުރެވުނު މަޝްވަރާގައި މެމްބަރުންގެ ކަންބޮޑުވުންތައް ހުރިމިންވަރު ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވަޢުދު ތެރޭގައި ހިމެނޭ ހއ. އަތޮޅަށް ކަނޑައަޅުއްވާފައިވާ 1500 ހައުސިން ޔުނިޓް އެޅުން ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައާއި، ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހއ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ އަތޮޅު ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަސައްކަތް ނުފެށި ލަސްވާ މައްސަލައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ ހއ. އަތޮޅުގައި ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރަށްރަށާއި ސިޓީހޮޓާ އެޅުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވާ މައްސަލަވެސް ހިމެނެއެވެ.
އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި މެމްބަރުން ދެއްކެވި ވާހަކަފުޅުގައި މި މައްސަލަތަކުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރިމިންވަރާއި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހއ. އަތޮޅަށް ނިސްބަތްވާ އެއްވެސް މަސައްކަތެއް މި ވޭތުވެދިޔަ އަހަރާއި މިހިނގާ އަހަރުވެސް ނުފެށި ލަސްވާތީ އެކަމަކީ އަތޮޅު ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަން ކުރިއަށް ގެންދެވުމަށް ކައުންސިލްގެ 5 މެމްބަރުންގެ އިއްތިފާގުން ފާސްކުރައްވާފައިވަނީ ރައްޔިތުންނާ ގުޅުންހުރި މި މައްސަލަތައް އަވަސްކޮށް ދެއްވުމަށް އެދި ސަރުކާރަށާއި ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމަށް އަތޮޅު ކައުންސިލްގެ ރަސްމީ ސިޓީ މެދުވެރިކޮށް ހުށަހެޅުމަށެވެ.
މި ބައްދަލުވުން ވަނީ ފޭސްބުކް މެދުވެރިކޮށް ލައިވްކޮށްފައެވެ.