ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އިހަވަންދޫން ދޫކުރަނީ

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. އިހަވަންދޫން ދޫކުރާގޮތަށް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި އިހަވަންދޫ ކައުންސިލާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.

އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިންއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލް އިދާރާގެ އިސްވެރިން ބައިވެ ވަޑައިގެންނެވިއެވެ.

ޓްރާސްޕޯރޓް އޮތޯރިޓީން މީގެކުރިން ހަމަޖައްސަވާފައި ވަނީ ހަމައެކަނި އަތޮޅު ކައުންސިލް އިދާރާއިން މި ޚިދުމަތް ދޭގޮތަށެވެ. ނަމަވެސް ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތުން ޚިދުމަތް ދެއްވާގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން އަތޮޅު ކައުންސިލުން ކަނޑައަޅާ ރަށްރަށުން މިޚިދުމަތް ލިބޭގޮތަށް މިހާރުވަނީ ރޭވިފައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމާ ގުޅިގެން އިހަވަންދޫ ރައްޔިތުންނަށް ރަށުގައި ތިއްބަވައިގެން ޚިދުމަތް ލިބޭގޮތަށް ހަމަޖެހުމުން އެރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެއެވެ.