ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ހަފުލާ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެއްވަމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ފަހަރު މި ރަސްމިއްޔާތު ބާއްވައިފައިވަނީ އެހެން އަހަރު އަހަރާ ތަފާތުކޮށް ހަފުލާއެއްގެ ގޮތުގައެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވުނު މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ނާއިބު ރައީސް އޮންރަބްލް ފައިސަލް ނަސީމެވެ.

23 ނޮވެމްބަރ 2019 ވަނަ ދުވަހުގެރޭ ބޭއްވުނު މި ޙަފުލާގައި ހއ. އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރު ވެރިންގެ އިތުރުން ދިއްދޫގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ އެކި ދާއިރާތަކުން އަތޮޅަށް ރީތިނަމާއި ޝަރަފް ހޯދައި ދިނުމާއި، ހިންގުމުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާއިން މަތީދަރަޖަ ހޯދާ ފަރާތްކަށް ހިތްވަރު ދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ދެމުންއަންނަ އިނާމެކެވެ. މިއަހަރު އެކި ދާއިރާތަކުން އިނާމް ހާސިލްކޮށްފައިވާ 34 ފަރާތަކަށާއި ހިންގުމުގެ ދާއިރާއިން ރަށު ކައުންސިލަކަށް އިނާމު ލިބިގެން ދިޔައެވެ.

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދެވޭ ޚާއްސަ އިނާމް ހާސިލްކޮށްފައިވަނީ މަތީ ސާނަވީބައިން ދުނިޔޭގެ ފެންވަރުގައި އެއްވަނަ ހޯދާފައިވާ ފަރާތަކަށާއި މުޅިރާއްޖެއިން އެއްވަނަ ހޯދާފައިވާ ފަރާތްތަކަށެވެ. މި ގިންތިން ދުނިޔޭގެ ފެންވަރުގައި އެއްވަނަ ހޯދާފައިވަނީ ހއ. އުލިގަމު މާޒު ޒަޔާން ސަޢުދުﷲ އެވެ. މިނާ ހޮވިފައިވަނީ 2018 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުގެ މުޅި ދުނިޔެއިން ހިސާބުން އެއްވަނަ ލިބިގެންނެވެ. މި ގިންތިން މުޅި ރާއްޖެއިން އެއްވަނަ ހޯދަފައިވަނީ ހއ. ތުރާކުނު ބަހާރުގޭ ފާތިމަތު ޝަމްހާއެވެ. މީނާ ހޮވިފައިވަނީ 2018 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުން މުޅި ރާއްޖެއިން ކެމިސްޓްރީން އެއްވަނަ ލިބިގެންނެވެ.

މިގިންތިން އިނާމު ޙާސިލްކޮށްފައިވާ ތިންވަނަ ފަރާތަކީ ހއ. ކެލާ ނިވައިދަށުގޭ ޚާދީޖާ ލީޒާއެވެ. މިނާއަކީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނައަހަރަށް ވިލާ ކޮލެޖުން ހިންގި މާރސްޓަރ އޮފް ޝަރިޢާ ކޯހުން އެއްވަނަ ހޯދާފައިވާ މީހެކެވެ. ހިންގުންތެރިކަމުގެ ގިންތިން 2 ވަނަ ޙާސިލްކުރައްވާފައިވަނީ ހއ. މާރަންދޫ ކައުންސިލްގެ އިދާރާއެވެ.

މީގެއިތުރުން 2018 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނުން މުޅިރާއްޖެއިން ތިންވަނަ ހާސިލްކުރައްވާފައިވާ، ހއ. އިހަވަންދޫ ހިޔަލީގޭ ޒަހާ ޒާހިރުއާއި، ހއ. މާރަންދޫ ކަސްތޫރިގޭ މަލާހާ މުޙައްމަދާއި، ހއ. ހޯރަފުށީ މުތީ މުޙައްމަދު ފާއިޒު ފަތުހުﷲ އާއި، ހއ. ހޯރަފުށީ ބޮންތި މުޙައްމަދު ރަޒާން އަޙުމަދާއި، ހއ. ހޯރަފުށީ މާދޫނި ސަޖުވާ އަޙުމަދާއި،  މި ގިންތިން މުޅި ރާއްޖެއިން ދެވަނަ ވަނަ ހޯދާފައިވާ، ހއ. ތުރާކުނު ގުލްދަމްގޭ ފާތުމަތު ޝައިޚާ ޢަލީއާއި، ހއ. އުލިގަން މާޒް ޒަޔާން ސަޢުދުﷲ އާއި، މި ގިންތިން މުޅި ރާއްޖޭއިން އެއްވަނަ ހޯދާފައިވާ، ހއ. ކެލާ ފުރުއްމާގޭ ޙަސަން ވިޝާހުއަށް އިނާމު ލިބިވަޑައިގެންފައި ވެއެވެ.

2018 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިހާނުން މުޅި ރާއްޖެއިން ތިންވަނަ ހާސިލްކޮށްފައިވާ، ހއ. ތުރާކުނު އާބަހާރުގޭ މަރިޔަމް ސާލިޔާ އާއި، ހއ. ފިއްލަދޫ މުނިޔާ އާމިނަތު ސައިހާ އާއި، ހއ. ހޯރަފުށީ އަލިރެސް މާރިޔަމް އީމާ ޢަލީއާއި، ހއ. ތަކަންދޫ ރަތްވިލާގޭ މަރިޔަމް ޢަބްދުލްވާ ޙިދާއި، ހއ. އުތީމު އަންސާނާ ފާތިމަތު ހަމްދާ އާއި، ހއ. ވަށަފަރު ވައިޓްސިގްނަލް ޙައްވާ ނަޖުލާ އާއި، މިގިންތިން މުޅި ރާއްޖެއިން ދެވަނަ ހޯދާފައިވާ، ހއ. އިހަވަންދޫ އަރާވިލާ އާމިނަތު ސަމްހާ އާއި، ހއ. ކެލާ ކުރިކީލަގޭ ޢާއިޝަތު ސަރާ އާއި، ހއ. ކެލާ ފުރުއްމާގޭ މުޙައްމަދު ވިޝާލާއި، ހއ. ތަކަންދޫ ފީރޯޒްގޭ ޙައްވާ ޝާމިލާ އާއި، ހއ. ފިއްލަދޫ ހުދުފިނިފެންމާގޭ އާމިނަތު ނަދާ ހިމެނެއެވެ.

2017 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިހާނުން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިވާ، ހއ. އިހަވަންދޫ މަންޒަރުގޭ އާމިނަތު ޚާތޫންއާއި، ހއ. ތުރާކުނު ބަހާރުގޭ ފާތިމަތު ޝަމްހާ އާއި، ހއ. ވަށަފަރު ފަހާގޭ އިބްރާހީމް މުއިއްޒުއާއި، ހއ. އިހަވަންދޫ ނަލަހިޔާގޭ އިބްރާހީމް ވަޙީދާއި، ހއ. ބާރަށު ސިންދުބާދުގޭ ޣައްސާނަތު ޢަބްދުލްވައްހާބާއި، ހއ. ތަކަންދޫ ގްރީންވިލާ ނަޝްވާ މުޙައްމަދު ޝަރީފް ހިމެއެވެ.

މިއީ ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އިނާމު ދެވޭ ހަތަރުވަނަ ފަހަރެވެ.