ޕްލާސްޓިކާ ދުރަށް ދިއުމަކީ ހއ. އަތޮޅު ކައުންސިލްގެ އަމާޒެއް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރާ ތަނަކަށް ހެދުމުގެގޮތުން މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު އެ އިދާރާގެ މުވައްޒަފުން ފެންބުއިމަށް ބޭނުންވާ ބިއްލޫރި ފުޅި ޙަވާލުކޮށް ދެއްވައިފިއެވެ.

މިކަމަށްޓަކައި 23 ސެޕްޓެމްބަރ 2019 ދުވަހު ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ފުޅި ޙަވާލުކޮށް ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ. މިރަސްމިއްޔާތުގައި ކައުންސިލް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައިސް ވިދާޅުވީ ހއ. އަތޮޅު ކައުންސިލް އިދާރާއަކީ ޕްލާސްޓިކާ ދުރުތަނަކަށް ހެއްދުމުގެ އަމާޒު ހިފާފައި ވާކަމަށާއި މި ޕްރޮގްރާމްގެ ދަށުން ކުރަމުންދިޔަ މަސައްކަތަށް އެހީތެރި ވުމުގެގޮތުން މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން ބިއްލޫރި ފުޅި ދެއްވާފައިވާތީ އެކަމަށްޓަކައި އެ އެސޯސިއޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ.