އަތޮޅު ޤުރުއާން މުބާރާތް 1439 ނިމި ބައިވެރިންނަށް އިނާމާއި ތަށި ދެއްވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ހއ. އަތޮޅުން ވާދަކުރާނެ ބައިވެރިން ހޮވުމަށްޓަކައި ބޭއްވުނު ހއ. އަތޮޅު ޤުރްއާން ކިޔެވުމުގެ މުބާރާތް 1439 މިމަހުގެ 6 ން 7 އަށް ދިއްދޫގައި ބާއްވައިފިއެވެ.

މިފަހަރުގެ މުބާރާތަކީ 18 އަހަރުން މައްޗަށް ޚާއްސަ ކުރައްވައިގެން ބޭއްވުނު ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ހއ. ކެލާ، ހއ. ދިއްދޫ، އަދި ހއ. އިހަވަންދޫން ޖުމްލަ 14 ބައިވެރިން ބައިވެރިވިއެވެ. މި މުބާރާތުގެ ބައިވެރިން ކިޔެވުމަށް ކަނޑައަޅާފައިވަނީ ފޮތުން ކިޔެވުމުގެބައިން 10 ފޮތާއި، 20 ފޮތާއި، 30 ފޮތުންނެވެ. އަދި ހިފްޟުގެ ބައިން 5 ފޮތުންނެވެ.

މި މުބާރާތް ހުޅުއްވައި ދެއްވީ ހއ. އަތޮޅަށް ވަރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނެވެ. މުބާރާތް ހުޅުއްވައި ދެއްވަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ތެރޭގައި ޤުރްއާންގެ ޢިލްމު މީގެކުރީގައި އޮތްމިންވަރާއި މިހާރު ދިވެހިންގެ ތެރޭގައި މި ޢިލްމު ކުރިއަރާފައިވާ މިންވަރު ހާމަކޮށްދެއްވިއެވެ.

ހއ. އަތޮޅު ޤުރްއާން މުބާރާތް 1439 ގައި ލިބިފައިފައިވާ ވަނަތަކަށް ބަލާއިރު 10 ފޮތުގެބައިން 2 ވަނަ ދަރިވަރަކީ ހއ. އިހަވަންދޫ ޒަމާނީވިލާ ޢާއިޝަތު ޤާދިރާއެވެ. މިބައިން 3 ވަނައަށް ހޮވިފައިވަނީ ހއ. ކެލާ އައްސޭރި ޚަދީޖާ ޔާޝިފާ އެވެ. މި ބައިން 1 ވަނައަށް އަންނަވަރަށް މާރކްސް ލިބިފައެއް ނުވެއެވެ.

20 ފޮތުގެބައިން  1 ވަނަ ދަރިވަރަކީ ހއ. އިހަވަންދޫ ހުޅަނގުމަތީގޭ ޢާއިޝަތު ނާހިޔާއެވެ. 2 ވަނަ ދަރިވަރަކީ ހއ. ދިއްދޫ ބީޗްފްލާވަރ ފާރިޚާ އަޙުމަދެވެ. 3 ވަނަ ދަރިވަރަކީ ހއ. ދިއްދޫ ލިރުޝާ ޙަލީމަތުއް ސަޢުދިއްޔާއެވެ.

30 ފޮތުގެ ބައިން 1 ވަނަ ދަރިވަރަކީ ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނެވެ. 3 ވަނަ ދަރިވަރަކީ ހއ. ދިއްދޫ ރަންބުސްތާނުގެ ޙައްވާ ރާޝިދާއެވެ. މިބައިން 2 ވަނައަށް އަންނަވަރަށް މާކްސް ލިބިފައެއް ނުވެއެވެ

ޙިފުޟުގެ ބައިން ބައިވެރިވެފައިވަނީ އެންމެ ދަރިވަރެއްކަމުގައިވާތީ މިބައިން 2 ވަނަ ދަރިވަރަކީ ހއ. ދިއްދޫ އޭޝިޔާ މަރިޔަމް އަރޫޝާއެވެ. މިބައިންވެސް 1 ވަނަ އަދި 3 ވަނަ ހޮވިފައެއް ނުވެއެވެ.

މުޅި މުބާރާތުން ފޮތުން ކިޔެވުމުގެބައިން 1 ވަނައަށް ހޮވިފައިވަނީ ހއ. އިހަވަންދޫ ހުޅަނގުމަތީގޭ ޢާއިޝަތު ނާހިޔާއެވެ. 2 ވަނައަށް ހޮވިފައިވަނީ ހއ. ދިއްދޫ ބީޗްފްލާވަރ ފާރިޚާ އަޙުމަދެވެ. 3 ވަނައަށް 2 ފަރާތެއް ހޮވިފައިވެއެވެ. އެއީ ހއ. އިހަވަންދޫ ޒަމާނީވިލާ އާއިޝަތު ޤާދިރާއާއި ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނެވެ. އެހެންކަމުން ޤްރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ހއ. އަތޮޅުން ވާދަ ކުރާނީ މިދެންނެވި ހަތަރު ބައިވެރިންނެވެ.

މީގެކުރިން ބޭއްވުނު އަތޮޅު ޤުރްއާން މުބާރާތްތަކުގައި ވާދަކޮށްފައިވަނީ ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ