އަތޮޅު ކައުންސިލުން ފަނަރަހާސް ހިއްސާ ގަނެފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަނަރަހާސް ހިއްސާ ހއ. އަތޮޅު ކައުންސިލުން ގަނެފިއެވެ. ހއ. އަތޮޅު ކައުންސިލުން ގަނެފައިވާ ފަނަރަހާސް ހިއްސާގެ މޫނުމަތީ އަގަކީ ފަސްލައްކަ ފަންސަވީސް ހާސް ރުފިޔާއެވެ.

ހއ އަތޮޅު ކައުންސިލުން ހިއްސާ ގަތުމަށްޓަކާ މިއަދު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗުގައި ބޭއްވި ހަފްލާއެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ޑިރެކްޓަރު ޖެނެރަލް އަބުދުﷲ ޝަފީގެވެ. އެމްއައިބީގެ ފަރާތުން ހިއްސާގެ ލިޔުމާ ހަވާލުވެލެއްވީ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އާދަމް އަހުމަދެވެ.

ހިއްސާ ގަތުމަށްފަހު ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ހއ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު މުހައްމަދު ނަސީރު ވިދާޅުވީ އެމްއައިބީގެ ހިއްސާގަތީ އެ ބޭންކުން ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާފައި ކަމަށެވެ. މިކަމުގެ ސަބަބުން ދާއިމީގޮތެއްގައި އަތޮޅު ކައުންސިލަށް މަންފާކުރާނެކަމަށް އުންމީދުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ބުރާންޗު މެނޭޖަރު އާދަމް އަހުމަދު ވިދާޅުވީ ހިއްސާގަތުމަށް ހުޅުވާލުމާއެކު ވަރަށް ބޮޑު ތަހުރީބެއް ލިބެމުންދާ ކަމަށާއި މިއީ ބޭންކުގެ ހިއްސާދާރަކަށްވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އިސްލާމިކް ބޭންކުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވާއިރު، މިހާތަނަށް އައިއިރު ހިއްސާ ވިއްކުމުގެ ކަންތައްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ. އެގޮތުން ގިނަ އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން އަންނަނީ ހިއްސާ ގަންނަމުންނެވެ.