މޯލްޑިވްސް އިމިގްރޭޝަނުގެ ޚިދުމަތް ހއ. އަތޮޅުގައި ފައްޓަވައި ދެއްވައިފި

މޯލްޑިވްސް އިމިގްރޭޝަން ޚިދުމަތް ހއ. އަތޮޅުގައި ފައްޓަވައި ދެއްވައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަލްފާޟިލް މުޙައްމަދު އަޙުމަދު ޙުސައިންއެވެ. މި ޚިދުމަތް ފެއްޓެވުމުގެ ގޮތުން ދިއްދޫގައި ބޭއްވުނު ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ. މިޖަލްސާގައި މޯލްޑިވްސް އިމިގްރޭޝަނުގެ އިސްވެރިންނާއި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުންނާއި ދިއްދޫގައި ހުންނަ ސަރުކާރު އޮފިސްތަކުގެ ވެރިންނާއި ދިއްދޫގެ ބައެއް އިއްޒަތްތެރިން ބައިވެ ވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ޕާސްޕޯޓް ޚިދުމަތް ފައްޓަވައި ދެއްވުމުގެ ގޮތުން ދެބޭފުޅަކާ ޕާސްޕޯރޓް ހަވާލުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަލްފާޟިލް މުޙައްމަދު އަޙުމަދު ޙުސައިނެވެ. މި އަދު ފެށިގެންދިޔަ މި ޚިދުމަތުގެ ސަބަބުން ހއ. އަތޮޅު ރައްޔިތުންއެހެން އަތޮޅަކަށް ނުގޮސް އަތޮޅުން ޕާސްޕޯޓް ލިބޭނެ މަގުފަހިވެގެން ދިޔައީއެވެ. މިއީ ވަރަށްވެސް ތާރީޚީ އުފާވެރި ދުވަހެކެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަލްފާޟިލް މުޙައްމަދު އަޙުމަދު ޙުސައިން ވިދާޅުވީ މިއަދަކީ ހއ. އަތޮޅު ރައްޔިތުންނަށްޓަކައި އަތޮޅު ކައުންސިލުން 2014 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި ކުރެއްވި މަސައްކަތުގެ ނަތީޖާ ލިބުނު ދުވަހެވެ. ކައުންސިލަކުން މިހާގިނަ ދުވަހު މި މަސައްކަތުގައި ދެމިހުރުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެކެވެ. އެހެންކަމުން އަތޮޅު ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަވާގޮތަށް ވީހާވެސް ކައިރިން ޚިދުމަތް ދިނުންކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވިދާޅުވީ ހއ. އަތޮޅުން ޕާސްޕޯރޓްގެ ޚިދުމަތް ފެއްޓެވުމަށްޓަކައި އަތޮޅު ކައުންސިލްގެ 2 ވަނަ ދައުރުގައި ފެށުނު މިމަސައްކަތަކީ އަތޮޅު ރައްޔިތުން އަތޮޅުގައި ތިއްބަވައިގެން ޚިދުމަތް ފޯރުކޮށް ދެއްވުމަށް ކުރެވެމުންދިޔަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި އެކަމުގެ ފޮނިމީރުކަމެވެ. އެހެންކަމުން މި ޚިދުމަތް ފެށުމަށްޓަކައި 2 ވަނަ ދައުރުގެ މެމްބަރުން ކުރެއްވި މަސައްކަތްތައް ޚާއްސަގޮތެއްގައި ފާހަގަކުރައްވާ އެ މެމްބަރުންނަށާއި އަދި މި ދައުރުގެ މެމްބަރުންނަށާއި ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޚިދުމަތް މިއަދު ފެށުމުގެ އަސްލަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިހަށް އަތޮޅު ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

ދިވެހި ޕާސްޕޯރޓް ނެގުމަށްޓަކައި މީގެ ކުރިން އެހެން އަތޮޅަކަށް ދަތުރުކޮށް ކަނޑުމަތީގައި ހޭދަކުރަންޖެހޭ ވަގުތު އިތުރުވެ ރައްޔިތުން އުފުލި ތަކުލީފަށް މިއަދު މިވަނީ ނިމުންއައިސްފައެވެ. އަތޮޅު ކައުންސިލްގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި މިފަދަ ޚިދުމަތްތައް އަތޮޅަށް ތަޢާރަފުކޮށް އަތޮޅުން އެ ޚިދުމަތް ލިބޭނެމަގު ފަހިކޮށް ދިނުމެވެ. މީގެކުރިން މި އިދާރާއިން ބަލައިގަންނަމުންދިޔަ ޕާސްޕޯޓަށް އެދޭފޯމް މިއަދުން ފެށިގެން ދެން ބަލައިގަންނާނީ މޯލްޑިވްސް އިމިގްރޭޝަން ދިއްދޫ ބްރާންޗުންނެވެ. މިތަން ހުންނަނީ އަތޮޅު ގޭގެ ގޯތިތެރޭގައެވެ.