ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތުގެ- 2024 ގެ 1 ވަނަ ދިއްދޫ

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް ހއ. އަތޮޅު ކައުންސިލް ތަމްސީލްކުރާނެ ބައިވެރިން ހޮވުމަށް ބޭއްވި ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ނިންމައި އެ މުބާރާތުގެ ނަތީޖާ އިއްޔެ ފާޅުކޮށްފިއެވެ.
އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ހޯލުގައި އިއްޔެ ހެނދުނު 09:00 ގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި މި މުބާރާތުގައި މި އަހަރު ހއ. އަތޮޅުގެ 13 ރަށަކުން 134 ފަރާތް ބައިވެރިވިއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި 53 ބައިވެރިންނާއި ހއ.އަތޮޅުގެ ސްކޫލްތަކުގެ ނަމުގައި ވާދަކުރި 81 ދަރިވަރުންނެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ހއ.އަތޮޅު ކައުންސިލް ތަމްސީލްކުރުމަށް 28 ދަރިވަރުން ހޮވިފައި ވެއެވެ. މި ދަރިވަރުންނަށް އަތޮޅު ކައުންސިލްގެ ފަރާތުން ދޭ ދެކޮޅު ޓިކެޓް ޙަވާލުކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ޝަރަފްވެރި މެހްމާނުގެ ވާހަކަފުޅުގައި ކީރިތި ޤުރުއާނަކީ ހުރިހައި ގޮތަކުން ބެލިއަސް، އެންމެ ބޮޑު ކާމިޔާބީއެއް ލިބޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި، ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ މުހިންމު ހާދިސާއެއްގެ ތެރޭން ކީރިތި ޤުރުއާނުގެ މުހިންމު ކަމާ، ކީރިތި ޤުރުއާނުގެ މާތް ކަމުގެ މައްޗަށް އަލި އަޅުވައިލެއްވިއެވެ
މުޅި މުބާރާތުން 3 ވަނަ ޙާޞިލްކޮށްފައިވަނީ ހއ. ދިއްދޫ، ސާވަން ޒުމްރާ އަޙްމަދެވެ. ހއ މުޅި މުބާރާތުން 2 ވަނަ ޙާޞިލްކޮށްފައިވަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޔަމާން ޢަޒީމެވެ. މުޅިމުބާރާތުގެ ފަޚުރުވެރި 1 ވަނަ ޙާޞިލްކޮށްފައިވަނީ ހއ. އިހަވަންދޫ، އަލިދޯދި އާމިނަތު ނަޞްރަތެވެ.

މުޅި މުބާރާތުން 1 ވަނައަށް ހޮވޭ ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ފަރީ ޙައްޖު އެންޑް ޢުމުރާ ގްރޫޕުން ހުށަހަޅުއްވާފައިވާ ޢުމުރާ ދަތުރާއި ހއ. އުތީމު ފިނިރޯޅި އަލްމަރުޙޫމް ޢުމަރު އާދަމްގެ ހަނދާނުގައި އެ ޢާއިލާއިން ހުށަހެޅުއްވި 25000.00 (ފަންސަވީސް ހާސް ރުފިޔާ) ލިބިފައިވަނީ މި މުބާރާތުން 1 ވަނަ ޙާޞިލްކުރި ހއ. އިހަވަންދޫ، އަލިދޯދި އާމިނަތު ނަޞްރަތަށެވެ. އަދި މި މުޅި މުބާރާތުގެ 1،ވަނަ،2ވަނަ،3ވަނަ ފަރާތަށް ހއ. އަތޮޅު ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ ފަރާތުން ދެއްވާ ފައިސާގެ އިނާމާއި މޯލްޑިވް ގޭސްގެ ފަރާތުން ދެއްވާ ވައުޗަރ ވެސް ޙަވާލުކުރުން އޮތެވެ.
މި މުބާރާތުގައި ބައިވެރިވި ރަށްރަށުގެ ތެރެއިން 1ވަނަ 2ވަނަ 3ވަނަ ރަށް ވެސް ވަނީ ހޮވާފައެވެ. އެގޮތުން މުޅި މުބާރާތުން 1ވަނަ ރަށެއްގެ ގޮތުގައި ހޮވިފައިވަނީ ހއ.ދިއްދޫއެވެ. 2ވަނަ ރަށަކަށް ހޮވިފައިވަނީ ހއ.އިހަވަންދޫއެވެ. 3 ވަނަ ރަށަކަށް ހޮވިފައިވަނީ ހއ. ހޯރަފުށްޓެވެ. މި މުބާރާތުގެ އެންމެ މޮޅު 3 ރަށަށް ހއ.އަތޮޅު ކައުންސިލުން ހުށަހަޅާ ފައިސާގެ އިނާމަކީ:
1ވަނައަށް ހޮވޭ ރަށަށް 10000.00 (ދިހަ ހާސް) ރުފިޔާ
2ވަނަ އަށް އޮވޭ ރަށަށް 7000.00 (ހަތްހާސް) ރުފިޔާ
3ވަނަ އަށް ހޮވޭ ރަށަށް 5000.00 (ފަސް ހާސް) ރުފިޔާ
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ މުދައްރިސުން ކަމުގައިވާ އަލްޙާފިޡާ ލަޠީފާ އަޙްމަދާއި، އަލްޙާފިޡާ ނާޝިދާ މުޙައްމަދާއި އަލްޤާރީ ޢަބްދުﷲ ޢިމާދެވެ.