އިހަވަންދޫ ބޯޓުގެ ފަޅުވެރިޔަކު ކޮވިޑް ބައްޔަށް ފައްސި ވެއްޖެ

ހއ. އިހަވަންދޫގައި މާލެ ދަތުރުކުރާ ” 242 ” ނަމަކަށްކިޔާ ބޯޓްގެ ފަޅުވެރިޔަކު ކޮވިޑް 19 އަށް ފައްސި ވެއްޖެއެވެ.

އިހަވަންދޫ ކައުންސިލުން ބައެއް ނޫސްތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ފައްސި ވެފައިވަނީ ބޯޓުގެ ކޭޝިއަރ ކަމަށާއި އޭނާ ފައްސި ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނީ ރޭގައި ކަމަށެވެ.

މާލެއާއި އިހަވަންދޫއާ ދެމެދު ދަތުރުކުރާ އެ ބޯޓު އިހަވަންދޫއަށް ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި ބައްޔަށް ފައްސި ވެފައިވަނީ ފިރިހެނެއް ކަމަށާއި އެނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނުކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ކައުސިލުން ބުނިގޮތުގައި އެ ކޭސް އާ ގުޅިގެން ކްލަސްޓާ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިހާރު އެމީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އެ ބޯޓަކީ ގިނަ މީހުން އުޅޭ ބޯޓެއް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

އިހަވަންދޫން ފައްސި ކޭސް ފެނުމުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް މިހާރު ވަނީ އެރަށަށް އަރައި ފޭބުން މަނާކޮށްފަ އެވެ.