އަތޮޅު ކައުންސިލްގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު ބޭނުންކުރަން ފަށައިފި

ހއ. އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ރަސްމީގަޑީގައި މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅުއްވާގޮތަށް ހަމަޖައްސައި ހުރިހައި މުވައްޒަފުންނާ މިއަދު ކާޑު ޙަވާލުކޮށް ދެއްވައިފިއެވެ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ކާޑުތައް ޙަވާލުކޮށް ދެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން އެވެ. މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ކައުންސިލްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަފީޤް ވިދާޅުވީ މިކާޑަކީ ރަސްމީ ގަޑީގައި މުވައްޒަފުން އޮފީހުގައި އުޅުއްވާ ވަގުތުތަކާއި ރަސްމީ ކަންކަމުގައި އޮފީހުން ބޭރުގައި އުޅުއްވާ ވަގުތުތަކުގައި އަޅުއްވައިގެން އުޅުއްވަން ޖެހިވަޑައިގަންނަވާނެ ކާޑެއްކަމަށެވެ.

މިކާޑު ބޭނުން ކުރައްވައިގެން މުވައްޒަފުން އޮފީހަށް ވަދެވެޑައި ގެންނެވޭނެއެވެ. އަދި އޮފީހަށް ވަޑައިގެން ސިސްޓަމް މެދުވެރިކޮށް ހާޒިރީ ރެކޯޑް ކުރެއްވޭނެއެވެ. މިއީ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި ބޭނުންކުރަން ހަމަޖައްސަވާފައިވާ ކާޑެކެވެ. އެހެންނަމަވެސް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ބޭނުން ކުރަން ފެށިފައި ނުވިނަމަވެސް މިއަދަކީ ފުރަތަމަ ފަހަރަށް ކާޑު ބޭނުންކުރެއްވުމަށް ފެއްޓެވި ދުވަހެވެ.

އަތޮޅު ކައުންސިލްގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމާ އެއްވަރަށް ކައުންސިލްގެ ޚިދުމަތްވެސް ތަރައްޤީ ކުރުމެވެ.