ތިލައުތުރު ފުޓްސަލް މުބާރާތް މާދަމާ ފެށޭނެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ފުޓްސަލް މުބާރާތް މާދަމާ ފެށޭނެއެވެ. ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ މި މުބާރާތް މިއަހަރު ހޯސްޓް ކުރާނީ ހއ. އުތީމުންނެވެ. މިއީ، ހއ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށްފައިވާ ގޮތުގެމަތިން ހއ. އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެކެވެ.
ތިލައުތުރު ފުޓްސަލް މުބާރާތުގައި މި އަހަރު 9 ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ ހޯރަފުށި، އިހަވަންދޫ، ކެލާ ވަށަފަރު، ދިއްދޫ، ފިއްލަދޫ، އުތީމު، މުރައިދޫ އަދި ބާރަށެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 (ތިރީސް ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ވާދާއިގެ ތަށްޓާއި، ރަން މެޑެއްޔާއި، ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ރިހި މެޑެއްޔާއި، ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 (ފަސް ހާސް) ރުފިޔާ ގެ ފައިސާގެ އިނާމާއި، ހަނދާނީ ލިޔުމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނާއި މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އާއި އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ ކޮންމެ މެޗެއްގައި މޭން އޮފް ދަ މެޗު ހޮވުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.