ހއ. އަތޮޅު މެޑިކަލް ކޭންޕު ފެށިއްޖެ.
ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލް އަދި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ހިންގާ މެޑިކަލް ކޭންޕެއް މިއަދު ފެށިއްޖެއެވެ. މި އޮގަސްޓުމަހު 15-16 ދެ ދުވަހު ހއ. އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް ގެންދާ މި ކޭންޕުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚާއްސަ މެޑިކަލް ޓީމެއް ބައިވެރިވެފައިވެއެވެ. މި މެޑިކަލް ކޭމްޕުގައި ބަލިމީހުން ބައްލަވަނީ ޓްރީޓޮޕްގެ 7 ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. އެގޮތުން ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި ހިތުގެބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ޙަރަކާތްތެރިވަމުން ގެންދެއެވެ. މި ފަދަ ކޭމްޕެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މި އަތޮޅުގެ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން ޞިއްޙީ ފަރުވާލިބޭނެ ފަސޭހަ މަގެއް ތަނަވަސް ކޮށްދިނުމާއި ،ރައްޔިތުންނަށް ފަސޭހަކަމާއެކު ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި މި ކޭންޕުގެ ސްކްރީނިންގ ޚިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ބަލިމީހުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މި ކޭންޕުގައި ބަލިމީހުންނަށް ޚިދުމަތްދެއްވުމުގައި ޙަރަކާތްތެރިވާ ޑޮކްޓަރުންނަކީ
ޑރ. މޫސާ މަނިކް އިބްރާހިމް – ހިތުގެ ބަލިތަކުގެ ކޮންސަލްޓަންޓް
ޑރ. މުހައްމަދު ހަބީބު – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
ޑރ. އަލީ މުޒުނީ – ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
ޑރ. ރާޖޭޝް ވާލަންދް – ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
ޑރ. ތެހްޒީބް ފާރުޤީ – ފުއްޕާމޭގެ ބަލިތަކުގެ ކޮންސަލްޓަންޓް
ޑރ. ޕްރީތީ ސޮލޮމޮން – އަންހެނުންގެ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓަންޓް
ރީބާ މޭރީ ތޮމިޗިއަން -ކްލިނިކަލް ޑައެޓީޝަން
ހއ. އަތޮޅުގެ ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލި ފުރުޞަތުގައި ގިނަ ޢަދަދެއްގެ ބަލިމީހުން ނަންނޯޓު ކުރައްވާފައިވެއެވެ. މިއީ، ހއ. އަތޮޅު ކައުންސިލުން ބާއްވާ މިފަދަ ދެވަނަ ކޭންޕެވެ. 2023 ވަނަ އަހަރު ވެސް ވަނީ މިފަދަ ކޭންޕެއް ކުރިއަށް ގެންދެވިފައެވެ.