ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ” އިޖުތިމާޢީ ގޮތުން ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުން” ޕްރޮގްރާމް ފެށިއްޖެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހއ.އަތޮޅުގެ ރަށުކައުންސިލްތައް ގުޅިގެން ހއ. އަތޮޅުގެ ރަށްތަކުގައި “އިޖުތިމާޢީ ގޮތުން ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުން” ނަމުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު ފެށިއްޖެއެވެ. މިއީ، ހއ. އަތޮޅު ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދާނީ، ކޮންމެ ދުވަހަކު ވެސް ދެ ރަށެއްގައި ހަވީރު އަދި ރޭގަނޑު ސެޝަނެއް ކުރިއަށް ގެންދާގޮތަށެވެ.
މި ޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ސެޝަންތައް ނަންގަވައި ދެއްވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްކޭމް ސެންޓަރގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އަދި އެސަރވިސްގެ ކޮންސްޓަބަލް މަރްޔަމް ނިހާ ޖަޢުފަރެވެ. މި އަހަރުގެ ޕްރޮގްރާމްގެ ސެޝަންތައް ޚާއްޞަކުރެވިފައިވަނީ ސްކޭމްގެ ކުށްތަކާގުޅޭ ގޮތުން އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުވުމަށެވެ.