ކައުންސިލްގެ މަސްޢޫލިޔަތުތައް
އަތޮޅު ކައުންސިލުގެ މަސްޢޫލިއްޔަތު
| (ހ) | ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއް ހިންގައި، އެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުން |
| (ށ) | ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން |
| (ނ) | ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން |
| (ރ) | މި ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓު ތައްޔާރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރަށު ކައުންސިލްތަކުން ތަންފީޛުކުރުމުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާގުޅޭ ގަވާއިދު ހެދުން |
| (ބ) | އިދާރީ ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގައި މި ޤާނޫނުގެ ދަށުން ނިންމަންޖެހޭ ކަންކަން ނިންމުން |
| (ޅ) | އިދާރީ ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން |
| (ކ) | މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން |
| (އ) | އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެން ފަރާތްފަރާތައް ކުއްޔަށް ދިނުމާއި ދޫކުރުން |
| (ވ) | ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން |
| (މ) | ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން |
| (ފ) | އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތުކުރުން |
| (ދ) | ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ޞިނާޢަތުތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން |
| (ތ) | އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީ ނެގުން |
| (ލ) | މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން |
| (ގ) | ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން |
| (ޏ) | ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން. |
| (ސ) | ކައުންސިލްގެ އިދާރާ ހިންގުން |
| (ޑ) | ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން |
| (ޒ) | ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން |
| (ޓ) | ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން. |
| (ޔ) | ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގައި ނުހިމެނޭ ފަޅުރަށްރަށް، ބެލެހެއްޓުމަށާއި އިޤްތިޞާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ޙަވާލުކުރުން. |
| (ޕ) | ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ޙަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން. |
| (ޖ) | ކައުންސިލްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތަކާ ގުޅޭ އުޞޫލުތަކާއި ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ގަވާއިދުތައް ހަދައި ފާސްކޮށް އެ ގަވާއިދުތަކާއި އުޞޫލުތައް ތަންފީޛުކުރުން |
| (ޗ) | ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ޤާއިމުކުރުން. |
އިސްވެރިންގެ ޒިންމާތަކާއި ވާޖިބުތައް
އަތޮޅު ކައުންސިލުގެ ރައީސްގެ ވާޖިބުތައް
| (ހ) | ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛުކުރުން |
| (ށ) | ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން |
| (ނ) | ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން |
| (ރ) | ކައުންސިލްގެ މަޝްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޛުކުރުން |
| (ބ) | ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން |
| (ޅ) | ކައުންސިލްގެ ޙަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން |
| (ކ) | ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން |
| (އ) | ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން |
| (ވ) | ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން |
| (މ) | ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން |
| (ފ) | ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ އަދި |
| (ދ) | ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން |
އަތޮޅު ކައުންސިލުގެ މެންބަރުންގެ
| ކައުންސިލްގެ މެންބަރު ނިސްބަތްވާ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން |
| ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛ |
| ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުން |
| ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވުން؛ އަދި |
| ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ގުޅިގެން އަތޮޅު ކައުންސިލްގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން. |
ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތު
| (1) | ކައުންސިލްގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން |
| (2) | ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން |
| (3) | ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޛުކުރުން؛ |
| (4) | ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން |
| (5) | ކައުންސިލްގެ މަސައްކަތްތަކާއި ޙަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށާއި ކައުންސިލަށް ލަފާދިނުން |
| (6) | ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން |
| (7) | ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޛުކުރުން |
| (8) | ކައުންސިލްގެ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލްގެ ޚިދުމަތްތަކާއި މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ލަފާދިނުން |
| (9) | ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެމަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން |