ކޯސްތަކުގައި ކިޔަވާ ހއ.އަތޮޅުގެ ކައުންސިލްތަކުގެ 2 މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ނިންމައިފި
ހއ.އަތޮޅު ކައުންސިލުން، ކޮލެޖު އަދި ޔުނިވަސިޓީގެ ކޯސްތަކުގައި ކިޔަވާ ހއ.އަތޮޅުގެ ކައުންސިލްތަކުގެ 2 މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ނިންމައިފިއެވެ. އެގޮތުން، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރު ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅި 2 މުވައްޒަފުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ. މާލީ އެހީގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 35000.00 ރުފިޔާ (ތިރީސް ފަސް ހާސް ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މާލީ އެހީދިނުމަށް ހޮވިފައިވާ މުވައްޒަފުންނަކީ ހއ.އަތޮޅު ކައުންސިލްގެ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ ޢާއިޝަތު ޝިފާޒާއާއި ހއ.އަތޮޅު ހޯރަފުށި ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު ޝަމީމެވެ.
މިއީ، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ކުރިއަށް ދިއުމަށާއި މުވައްޒަފުންގެ ތެރޭގައި ލީޑަރޝިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ތަމްރީން ލިބިފައިވާ ޤާބިލް ބަޔަކަށް މުވައްޒަފުން ހެދުމުގެ މަޤުސަދުގައި ހއ.އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ހަރަކާތެކެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ހަރަކާތަކީވެސް ހއ. އަތޮޅު ކައުންސިލްގެ ވޯކް ޕްލޭންގައި ހިމަނައިގެން، އަތޮޅު ކައުންސިލުގެ 4 ދައުރުގެ 149 ވަނަ އާއްމު ބައްދަލުވުމުން ނިންމައިގެން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.