ތިލައުތުރު ވޮލީމުބާރާތުގައި މި އަހަރު ވެސް 7 ރަށުން ބައިވެރިވެއްޖެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ތިލައުތުރު ވޮލީ މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރު 7 ރަށުން ބައިވެރިވެފައިވެއެވެ. ހއ އަތޮޅުގެ ކޮންމެ ރަށަކުން 1 ޓީމަށް ބައިވެރިވެވޭ މިމުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކީ 10 އެޕްރީލް 12:00އެވެ. މި މުބާރާތަށް ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ 15 މެއި ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. މި ގޮތުން މިއީ ހއ. އަތޮޅު ކައުންސިލުން ބާއްވާ އަންހެން ޑިވިޜަންގެ 2 ވަނަ ވޮލީ މުބާރާތެވެ.
މި މުބާރާތަށް މި އަހަރު ރަޖިސްޓްރީ ކޮށްފައި ވަނީ 7 ރަށަކުންނެވެ. އެއީ މޮޅަދޫ، ހޯރަފުށި، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މުރައިދޫ އަދި ބާރަށެވެ.
ހއ އަތޮޅުކައުންސިލުން މިއަހަރުގެ ތިލައުތުރު ވޮލީ މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދުމަށް ހުޅުވައިލުމުން ޕްރޮޕޯސަލް ހުށަހެޅި ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދައިގެން ޕްރޮޕޯސަލް ކާމިޔާބުކުރީ ހޯރަފުށި ކައުންސިލުންނެވެ. އެހެން ކަމުން މިއަހަރުގެ މުބާރާތް އޮންނާނީ ހޯރަފުށީގައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ފުރަތަމަ ތިލައުތުރު ވޮލީ މުބާރާތް ހޯސްޓް ކޮށްފައިވަނީ މުރައިދޫ ކައުންސިލުންނެވެ. ފުރިހަމަ އިންތިޒާމްތަކަކާއިއެކު ކުރިޔަށްދިޔަ އެ މުބާރާތުގެ ފައިނަލްގައި އިހަވަންދޫއާ ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުރައިދޫއެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ.