ހއ. އަތޮޅުގައި ދީނީ ދަރުސް ޕްރޮގްރާމް ފެށިއްޖެ
ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން ރަމަޟާންމަހު ބާއްވާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމް ފެށިއްޖެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ޖަމްޢިއްޔަތުއް ސަލަފްގެ އެހީތެރިކަމާއެކު ފެށުނު މި ދަރުސް ޕްރޮގްރާމުގައި 7ޝައިޚުން ދަރުސް ދެއްވަމުން ގެންދަވައެވެ. މި ރަމަޟާންމަހުގެ 6-7 މި ދެދުވަހު ހއ. އަތޮޅުގެ 14 ރަށުގައި ޝައިޚުން ދަރުސް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، ތުރާކުނާއި އުލިގަމުގައި ދަރުސް ދެއްވަނީ އައްޝައިޚް ޙަސަން ފައިޞަލެވެ. ހޯރަފުށްޓާއި އިހަވަންދޫގައި ދަރުސް ދެއްވަނީ އައްޝައިޚް ޢަބްދުއްސަލާމް ދާއޫދެވެ. މޮޅަދޫ އާއި ދިއްދޫގައި ދަރުސް ދެއްވަނީ އައްޝައިޚް އަޙްމަދު ފަހުމީދީއެވެ. މާރަންދޫ އާއި ތަކަންދޫގައި ދަރުސް ދެއްވަނީ އައްޝައިޚް ޙަސަން ޞަބާޙެއެވެ. ކެލަޔާއި ފިއްލަދޫގައި ދަރުސް ދެއްވަނީ އައްޝައިޚް އަޙްމަދު ޝުޢައިބެވެ. މުރައިދޫ އާއި ބާރަށުގައި ދަރުސް ދެއްވަނީ އައްޝައިޚް ޙާޠިމް ޔޫސުފެވެ. އަދި އުތީމާއި ވަށަފަރުގައި ދަރުސް ދެއްވަނީ އައްޝައިޚް މުޙައްމަދު ޝާހިދެވެ.
ކައުންސިލްގެ 4 ވަނަ ދައުރުގައި ރައްޔިތުން ހޭލުންތެރި ކުރުމަށް ދީނީ ދަރުސް ޕްރޮގްރާމް ސިލްސިލާކޮށް ގެންދާތާ މިއީ ތިންވަނަ އަހަރެވެ.