ފަންނީ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި.

ހއ. އަތޮޅު ކައުންސިލްގެ މާލިއްޔަތުން ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ.އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރު ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅި 2 މުވައްޒަފުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ސޮއިކުރުމުގެ މި ބައްދަލުވުން ބޭއްވިފައި ވަނީ މިއަދު 10:00ގައި ހއ. އަތޮޅު ކޮންފަރެންސް ހޯލްގައެވެ. މާލީ އެހީގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް -/37500.00ރ (ތިރީސް ހަތް ހާސް ފަސް ސަތޭކަ ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މިއަދު މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު މުވައްޒަފުންނަކީ ހއ. އަތޮޅު ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ދީމާ ޙަސަނާއި މި އަތޮޅު އިހަވަންދޫ ކައުންސިލްގެ ކައުންސިލް އޮފިސަރ އިބްރާހީމް ސުހޭލެވެ. ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މޫޝާ ޝަފީޤެވެ.


މިއީ، 2024 ވަނަ އަހަރު ހއ. އަތޮޅު ކައުންސިލްގެ ވޯކް ޕްލޭންގައި ހިމަނައިގެން، އަތޮޅު ކައުންސިލުގެ 4 ދައުރުގެ 139 ވަނަ އާއްމު ބައްދަލުވުމުން ނިންމައިގެން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މި ހަރަކާތުގެ މަޤުސަދަކީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ކުރިއަށް ދިއުމަށާއި މުވައްޒަފުންގެ ތެރޭގައި ލީޑަރޝިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ފަންނީ ދާއިރާތަކުން ތަމްރީން ލިބިފައިވާ ޤާބިލް ބަޔަކަށް މުވައްޒަފުން ހެދުމެވެ.