ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ހިންގި ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމް ނިންމައި ބައިވެރީންނަށް ލިޔުން ޙަވާލުކޮށްފި

ހއ. އަތޮޅު ކައުންސިލާއި ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން، ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ދިވެހިބަހަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީން ކުރިއަށް ގެންގޮސްފައި ވަނީ ނޮވެންބަރު 30ވަނަ ދުވަހުން ފެށިގެން ޑިސެންބަރު ދެވަނަ ދުވަހުގެ ނިޔަލަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ތަމްރީނު ޕްރޮގްރާމްގެ މަޤްސަދަކީ އޮފީސް މާހައުލުގައި ލިޔާ ލިޔުންތަކަކީ ކުށް މަދު ލިޔުންތަކެއްކަމުގައި ހެދުމާއި މުވައްޒަފުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމެވެ.

ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީންގައި ބައިވެރިވި 31 މުވައްޒަފުން ވަނީ ކޯސް ފުރިހަމަކޮށް ލިޔުން ޙާޞިލުކޮށްފައެވެ. މި ތަމްރީން ފުރިހަމަކުރި ބައިވެރީންނަށް ލިޔުން ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި 11 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހއ. އަތޮޅުވެރިކަން ކުރައްވައިފައިވާ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނާއި، ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމްގެ ދެ ދާރިސުންނާއި ހއ. އަތޮޅު ކައުންސިލަށް 39 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވައިފައިވާ އަލްފާޟިލް އަޙްމަދު ނަޞީރެވެ.

 

ހއ. އަތޮޅު ކައުންސިލަކީ މުވައްޒިފުން ކުރި އެރުވުމަށް ޓަކައި ތަފާތު އެކިއެކި ތަމްރީން ޕްރޮގްރާމްތައް މަސައްކަތް ކުރާ ކައުންސިލެކެވެ. އެ ގޮތުން މި ނިމި ދިޔަ ތަމްރީނުގައި ވެސް ކައުންސިލްގެ ހުރިހާ މުވައްޒަފުން ބައިވެރިކުރުމަށް އިސްކަމެއް ދީފައިވެއެވެ.