ހއ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކްލަބު ޖަމްޢިއްޔާތަކަށް ހިންގުނު މަސައްކަތު ބައްދަލުވުން ނިމިއްޖެ

މި ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ހއ. އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކުލަބު ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ހިންގުނު  މަސައްކަތު ބައްދަލުވުން  ނިމިއްޖެއެވެ. ނޮވެންބަރު 14ން 16 ވަނަ ދުވަހުގެ ނިޔަލަށް  3 ދުވަހުގެ މުއްދަތަށް ހއ. އަތޮޅު ސްޓޭޓްހައުސްހައުސްގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި 22 ބައިވެރީން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައިވެއެވެ.

މިފަދަ ތަމްރީން ޕްރޮގްރާމެއް ބޭއްވުމުގެ މަޤްޞަދަކީ ލާމަރުކަޒީ ޤާނޫނަށް އަހުލުވެރި ކުރުވުމާއި ލީޑަރޝިޕް އަދި މެނޭޖުމަންޓްގެ ހުނަރުގެ އިތުރުން ކޮމިޓީތަކާއި ކްލަބު ޖަމްޢިއްޔާތަކުން ބޭނުންވާ ޕްލޭން ހެދުމުގެ މަސައްކަތް ދަސްކޮށްދިނުން އޮތެވެ. އަދި މުޖުތަމަޢުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ބާރުވެރިކުރުމާ ގުޅޭ ބައިތައް ވެސް ކުރިއަށް ގެންދެވުނެވެ.

މި ތަމްރީން ޕްރޮގްރާމްގައި  ފެސިލިޓޭޓަރުންނަކީ ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝައްމޫން އާދަމް، އެޑްވޮކޭޓަރ ޝިފާ ޢަލީ މުރުތަޟާ ގެ އިތުރުން އުދުމާ ޢަބްދުﷲ ޢިނާޔަތެވެ.