ފުޓްބޯޅަ އާއި ފުޓްސަލް ބޭސިކް ރެފްރީން ޓްރެއިނިންގ ކޯސް ނިމިއްޖެ

މި ކައުންސިލާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ދިއްދޫގައި ކުރިއަށް ގެންދިޔަ ބޭސިކް ފްޓްބޯޅަ އަދި ފުޓްސަލް ރެފްރީ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މި ނޮވެމްބަރު މަހުގެ 5 ން 15 އަށް ހއ. ދިއްދޫގައި ކުރިއަށްގެންދިޔަ މިކޯހުގައި ޖުމުލަ 37 ބައިވެރިން ބައިވެރިވެފައި ވާއިރު ކޯސްނިންމާ ސެޓްފިކެޓާއި އެފް.އޭ.އެމް ބެޖު ޙާޞިލްކޮށްފައިވަނީ 35 ބައިވެރީންނެވެ.

 

ހއ. އަތޮޅު ސްޓޭޓްހައުސްގައި މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 8:30 ގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހއ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ މުޙައްމަދު ރަޝީދެވެ.

 

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީން ތަމްރީން ކުރުމަށް އެތައް ދުވަހެއްގައި އެތައް ބަޔަކު ކުރި ދިގު އިންތިޒާރު ގެ ނިމުން ކަމަށެވެ. އަދި ރެފްރީން ވާންވާނީ ވަރަށް ނަޒާޙާތްތެރި ބަޔަކަށް ކަމަށާއި، ރެފްރީން ހޯއްދެވި ސެޓްފިކެޓަކީ ހަމައެކަނި ބޭސިކް ކަމަށް ބަލައި ނިންމާނުލުމަށާއި ރާއްޖެއާއި ރާއްޖޭން ބޭރުން ވެސް ފުރުޞަތު ހޯއްދަވައި ކާމިޔާބު ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށެވެ.

 

މިރަސްމިއްޔާތުގައި ކޯސްފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖު ޙަވާލުކޮށްދެއްވީ ހއ.އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އަސްލަމާއި ފެނަކަ ހއ. ރީޖަނަލް ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ އަޙްމަދު ޝަފީޤާއި ސީނިއަރ ކައުންސިލް އެގްޒެކެޓިވް ޢަބްދުﷲ ޝަފީޤާއި ކައުންސިލް އެގްޒެކެޓިވް ޢަބްދުﷲ ނަޢީމްގެ އިތުރުން ކައުންސިލް އެގްޒެކެޓިވް އަސްމާ އަބޫބަކުރެވެ.

ކޯހުގެ އެއްވަނަ އަންހެން އަދި ފިރިހެން ބައިވެރިޔަކު ހޮވާފައި ވާއިރު 1 ވަނަ  އަންހެން ބައިވެރިޔަކަށް ހޮވިފައިވަނީ ހއ. އުތީމު އާހިޔާ އާމިނަތު ފަޒްނާއެވެ. އަދި  1 ވަނަ ފިރިހެން ބައިވެރިޔަކަށް ހޮވިފައިވަނީ ހއ. މާރަންދޫ ފިނިވާގެ ޢަބްދުލް މުޙްސިން މުޙައްމަދެވެ. މި ކޯސް ކުރިއަށް ގެންދިއުމުގައި އޮބްޒާވަރުންގެ ގޮތުގައި ކައުންސިލަށް އެހީތެރިވެ ދެއްވި ފަރާތްތަކަށް ވެސް ހަނދާނީ ލިޔުން ޙަވާލުކުރެވުނެވެ. އަދި އެހީތެރިކަން ފޯރުކޮށްދެއްވި ހއ. ދިއްދޫ ޕޮލިސް، ހއ. ދިއްދޫ ކައުންސިލްގެ އިތުރުން ހއ. ދިއްދޫ ޗޭނު ޖަމްޢިއްޔާ އަށް ވެސް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ހއ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

 

މި ކޯހުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވީ އެފް.އޭ.އެމްގެ ރެފްރީ އިންސްޓްރަކްޓަރސް ކަމުގައިވާ އަޙްމަދު އަމީޒާއި މުޙައްމަދު އަނީލް ޢަބްދުއްލަޠީފެވެ.