ތިލައުތުރު ފުޓްސަލް މުބާރާތް ފެށިއްޖެ

މި ކައުންސިލްގެ 4 ވަނަ ދައުރުގެ 92 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށްފައިވާ ގޮތުގެމަތިން  މި އަތޮޅުގެ ރައްޔިތުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް އިއްޔެ ފެށިއްޖެއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ދަނީ މި އަތޮޅުގެ މާރަންދޫގައެވެ.

ތިލައުތުރު ފުޓްސަލް މުބާރާތުގައި މި އަހަރު 11 ޓީމް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ގްރޫޕަށް ބަހާލައިގެންނެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗުތަކުގައި ވާދަކުރީ ގުރޫޕް އެކަކުން ތަކަންދޫ އާއި އުތީމް އަދި ގުރޫޕް ތިނަކުން އިހަވަންދޫއާއި މުރައިދޫއެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށް 30000.00 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ވާދާއިގެ ތައްޓާއި، ރަން މެޑެއްޔާއި، ހަނދާނީ ލިޔުމެއް ވަނީ ދިނުމަށް ހަމަޖެހިފައެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ރިހި މެޑެއްޔާއި، ހަނދާނީ ލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް 10000.00 (ދިހަހާސް) ރުފިޔާ ގެ ފައިސާގެ އިނާމާއި، ހަނދާނީ ލިޔުމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނާއި މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ ކޮންމެ މެޗެއްގައި މޭން އޮފް ދަ މެޗު ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.