ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތާއި ފުޓްސަލް މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތާއި، ތިލައުތުރު ފުޓްސަލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ މާރަންދޫ ކައުންސިލާއެކު އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި މެންދުރުފަހު 1:00 ގައެވެ.

މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. މާރަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫންނެވެ. މި ރަސްމިއްޔާތުގައި ދެ ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެ ލެއްވިއެވެ.

ހއ. އަތޮޅަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މި ދެމުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހަޅައިގެން މި ދެ މުބާރާތް  ވެސް ހޯސްޓް ކުރުން ކާމިޔާބު ކޮށްފައިވަނީ މާރަންދޫ ކައުންސިލުންނެވެ. އެ ގޮތުން ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ހޯސްޓް ކުރުމަށް މާރަންދޫ ކައުންސިލުން ހުށަހަޅާފައިވާތީ އެކަމުގައި އެހީތެރިވުމުގެ ގޮތުން 70000.00ރ (ހަތްދިހަ ހާސް ރުފިޔާ) އަދި ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓް ކުރުމަށް ހުށަހަޅާފައިވާތީ އެ ކަމަށް އެހީތެރިވުމުގެ ގޮތުން 50000.00ރ (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ކައުންސިލުން ނިންމާފައި ވެއެވެ.

ތިލައުތުރު ރަންތާޖު ޤުރްއާން މުބާރަތަކީ 36 ވަނަ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށް ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް އޮންނާނީ މި އޮކްޓޫބަރު މަހުގެ 26-28 އަށް މާރަންދޫގައެވެ.

ތިލައުތުރު ފުޓްސަލް މުބާރާތަކީ ހއ. އަތޮޅު ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގޭ ކުޅިވަރު މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނަޞްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު 3 ވަނަ ދުވަހު ހއ. މާރަންދޫގައެވެ.