ހއ.އަތޮޅުގެ ބައެއް ރަށު ކައުންސިލްތައް މޮނިޓަރކުރަން ފަށައިފި.

މިއަތޮޅުގެ ރަށު ކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރަށު ކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް ކުރަނީ އަތޮޅު ކައުންސިލުން އެކުލަވާލާ ޓީމަކުންނެވެ.

މިއީ މިއަހަރުގެ މޮނިޓަރކުރުމުގެ ދެވަނަ ބުރެވެ.  މި ބުރުގައި މޮނިޓަރ ކުރުމަށް ހަމަޖެހިފައިވަނީ މި އަތޮޅު ދިއްދޫ، ފިއްލަދޫ، ބާރަށް، މުރައިދޫ އަދި ވަށަފަރު ކައުންސިލެވެ. އެގޮތުން 2023 އޮގަސްޓް 9-10 އަށް ވަނީ ދިއްދޫ ކައުންސިލް މޮނިޓަރ ކުރެވިފައިވެއެވެ. މި އޮގަސްޓް މަހުގެ 21 އަދި 22 ވަނަ ދުވަހު މޮނިޓަރިން ޓީމުން ކުރަނީ ބާރަށު ކައުންސިލާއި ފިއްލަދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތެވެ.  އަދި  މި ހަފްތާގެ ތެރޭގައި މުރައިދޫ ކައުންސިލާއި ވަށަފަރު ކައުންސިލް މޮނިޓަރ ކުރެވޭނެއެވެ.

ފުރަތަމަ ބުރުގައި 2023 މާރިޗު މަހުގެ ތެރޭގައި މި އަތޮޅު މާރަންދޫ، ތަކަންދޫ އަދި އުތީމު ކައުންސިލް މޮނިޓަރކުރެވިފައިވެއެވެ.

ކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 8 ވަނަ މާއްދާގެ (ނ) އަދި (ޒ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުގެ މަސައްކަތްތަކާއި، ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނު އަސާސީއާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް ކައުންސިލްތައް ހިނގަމުން ގެންދޭތޯ ބެލުމެވެ. އެގޮތުން ފާއިތުވި 2022 ވަނަ އަހަރު ކައުންސިލްތަކުން  ފޮނުވަންޖެހޭ ރިޕޯރޓްތައް ޤަވާޢިދުން ފޮނުވާތޯ ބެލުމާއި ފައިސާއާއި ޕްރޮކިއުމަންޓްގެ މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށްތޯ ބަލައި މޮނިޓަރ ކުރާނެއެވެ.