ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް ނަން ހުށަހެޅުން

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ހުޅުވައިލައިފިއެވެ. މައިގަޑު ދެ ދާއިރާއަކުން ސޯޅަ ކެޓެގަރީއަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ކުރިމަތިލެވޭނީ ހއ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކަށެވެ.

19 މެއި 2019 ވަނަ ދުވަހުން ފެށިގެން ތިލައުތުރު އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި މި ފުރުސަތު ބަންދުވާ އެންމެ ފަހު ތާރީޚަކީ 29 އޯގަސްޓް 2019 ވަނަ ދުވަހުގެ 14:00 އަށެވެ.

އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި މިއެވޯޑް ދިނުމުގެ ހަފުލާ މި އަހަރު ނޮވެމްބަރ މަހުގެ ތެރޭގައި ބާއްވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ 2015 ވަނަ އަހަރުން ފެށިގެން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު އެއްފަހަރު ދެއްވަމުން އިނާމެކެވެ. ނަމަވެސް ބަޖެޓްގެ ދަތިކަމާއެކު 2018 ވަނަ އަހަރު އިނާމު ދެވިފައެއް ނުވެއެވެ.

މި އިނާމު ދެއްވާގޮތަށް ކައުންސިލުން މިހާރު ނިންމާފައިވަނީ ދެ އަހަރުން އެއްފަހަރު އެވެ.

މި އެވޯޑަށް ނަން ހުށަހެޅުމާބެހޭ ފޯމްތަކާއި ސިޔާސަތު މި އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

Leave a Reply