އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ހއ. އަތޮޅުގައި މާދަމާ ފަށަނީ

“ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް)ގެ ފެރީގެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް މާދަމާ ފަށަން ނިންމައިފި އެވެ. މި ދަތުރުތަކުގައި ފަސް ލޯންޗެއް އެމްޓީސީސީއިން ހއ.އަތޮޅުގައި ބޭނުންކުރެއެވެ. މިދިޔަ ހަފުތާގައި ވަނީ ހއ.އަތޮޅުގައި ހިލޭ ދަތުރުތައް ކޮށްފަ އެވެ.

ނަމަވެސް މާދަމާ އިން ފެށިގެން މި އަތޮޅުގައި އެމްޓީސީސީން ފެރީ ދަތުރުތައް ކުރާނީ ޓިކެޓް ވިއްކައިގެންނެވެ.

އާރްޓީއެލްގެ އަތޮޅުތެރޭގެ ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 35ރ. އާއި 100ރ. އާ ދެމެދުގަ އެވެ. ދެކޮޅުގެ ދަތުރުތައް އުޅެނީ 65ރ. އާއި 225ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ދަތުރުގެ އަގު ކަނޑައަޅާފައިވަނީ ދަތުރުގެ ދުރުމިނަށް ބެލުމަށް ފަހު އެވެ.

ހއ. އަތޮޅުގެ ސްޕީޑް ފެރީގެ ދަތުރުތަކާ އެކު ޒޯން 1 ގެ ދެ އަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފެށުނީއެވެ. ޒޯން 1 ގައި ހިމެނޭ ށ. އަތޮޅުގެ ދަތުރުތައް ވެސް ވަރަށް އަވަހަށް އެމްޓީސީސީން ފަށާނެކަމަށް މަޢުލޫމާތު ލިބިއެވެ.

ހއ. ގައި ދަތުރުތައް ކުރަނީ މައިގަނޑު އަށް ރޫޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އިހަވަންދޫ އަދި ދިއްދޫން ސީދާ ދަތުރުތައް އުތުރު ވިޔަފާރީގެ ހަބު ކަމަށްވާ ހދ. ކުޅުދުއްފުށްޓަށް ކުރާނެ އެވެ. އަދި ދިއްދޫން ހދ. ހަނިމާދު އަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.

ހއ. ގެ އާރްޓީއެލް ހަބް ދިއްދު އަށް، އެ އަތޮޅުގެ ފަސް ރޫޓަކުން ދަތުރުތައް ކުރާނެ އެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރާ އިރު އެ ހިދުމަތް ދެނީ އެކި ޒޯނުތަކަށް ބަހާލައިގެންނެވެ. ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބާކީ ފަސް ޒޯނުގައި ހިމެނެނީ 17 އަތޮޅެކެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދެވެ. އެ އަތޮޅުގެ ފެރީގެ ހިދުމަތަކަށް ބޭނުންވާ ލޯންޗުތައް އަންނަނީ ބަންނަމުންނެވެ. އެ މަސައްކަތް ކުރަނީ ގަލްފް ކްރާފްޓާ ގުޅިގެންނެވެ