ރާއްޖެ ޓްރާންސްޕޯރޓް ލިންކް ފެރީގެ ދަތުރުތައް އަޖުމަ ބެލުން ހއ. އަތޮޅުގައި ފެށިއްޖެ

މިއަދަކީ ރާއްޖޭގެ އެންމެ އުތުރުގައިވާ ތިލަދުންމައްޗަށް ޚާއްސަކޮށް ހއ.އަތޮޅުގެ ދަތުރު ފަތުރުގެ ނިޒާމަށް ވަރުގަދަ އިންގިލާބެއް އައިސް  ހައިސްޕީޑް ލޯންޗްފެރީ ދަތުރުތައް ފެށުނު ދުވަހެވެ. މި ދަތުރުތަކުގައި ރާއްޖެ ޓްރާންސްޕޯރޓް ލިންކުގެ ފަރާތުން 5 ލޯންޗް އޮޕަރޭޓްކުރަމުން ގެންދެއެވެ. ކޮންމެ ދުވަހަކު އަތޮޅު ތެރޭގެ އެއްރަށުން އަނެއްރަށަށް ތާވަލްކޮށްފައިވާ ދަތުރުތައް މި ނިޒާމުގެ ތެރެއިން ކުރެއެވެ. މީގެ އިތުރުން ދިއްދޫން ކުޅުދުއްފުއްޓަށް އަދި ދިއްދޫން ހަނިމާދުއަށްވެސް ދަތުރުކުރުމަށް ހަމަޖެހިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންނެވި ޒަމާނީ މި ބަދަލާއެކު ފެނިގެންދަނީ މީގެކުރިން ސަތަރި ދޯނިފަހަރުގައި ކަނޑުމަތީގައި ގިނަވަގުތު ހޭދަކޮށް ކުރަމުންއައި ދަތުރުތައް އަވަސްކަމާއެކު ކުރެވިގެންދާ މަންޒަރެވެ. މިއީ ވަރަށް ގިނަބަޔަކަށް ލިބުނު ހިތްހަމަޖެހުމެކެވެ. މިކަމުގެ ސަބަބުން އެކި ބޭނުންތަކުގައި އަތޮޅުގެ އެއްރަށުން އަނެއްރަށަށް އެދުވަހުގޮސް އެދުވަހު ރަށަށް އާދެވުމުގެ ހިތްހަމަޖެހުން އޮވެއެވެ. ޚާއްސަކޮށް ބޭސްފަރުވާ ހޯދުމަށް ދަތުރުކުރާ މީހުންނަށް މިކަމުން އިތުރު ފަސޭހަކަމެއް ލިބިގެން ހިގައްޖެއެވެ.

އާ.ޜު.ޓީ.އެލް ފެރީ ލޯންޗް ދިއްދޫގައި

ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ކަނޑުދަތުރުކޮށް އުޅުނީ މަޑުދުވެލީގައި ކަނޑުމަތީގައި ގިނަވަގުތު ހޭދަކޮށްގެންނެވެ. ނަމަވެސް އަދުގެ ސަރުކާރުން ދަތުރުފަތުރުގެ ވައްޓަފާޅިއަށް ގެނައި ހެޔޮބަދަލުގެ ސަބަބުން، ޒަމާނީ ފެންވަރުގެ ލޯންޗްގައި އަވަސް ކަމާއި ހިތްހަމަޖެހުމާއެކު އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހި މިޚިދުމަތް ހއ. އަތޮޅުގައި ފެށިގެންދިއުމަކީ އަތޮޅު ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެކެވެ.

މިއަދު ދަތުރުކުރި ލޯންޗްތައް ބައްލަވާ ލެއްވުމަށް ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤްވަނީ ލޯންޗްތަކަށް ޒިޔާރަތް ކުރައްވާފައެވެ.