ދިއްދޫ ރައްޔިތުންގެ އައި.ޑީ ކާޑު ހެދުމުގެ މަސައްކަތް ދިއްދޫ ކައުންސިލަށް ބަދަލު ވެއްޖެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުގެ ތެރެއިން ދިއްދޫ ރައްޔިތުންނަށް ބޭނުންވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް 2022 މޭ 08 ވަނަ ދުވަހުން ފެށިގެން ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލަށް ބަދަލުކުރެވި އެކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހިއްޖެއެވެ.

މިގޮތަށް ހަމަޖެހުމުން މާދަމާއިން ފެށިގެން ދިއްދޫ ރައްޔިތުންނަށް ކާޑު ހަދައިދޭނީ ދިއްދޫ ކައުންސިލުންނެވެ. މީގެކުރިން ދިއްދޫ ރައްޔިތުންނަށާއި މިއަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކާޑު ހަދައިދެމުން ގެންދިޔައީ އަތޮޅު ކައުންސިލުންނެވެ.

އައި.ޑީ ކާޑު ހެދުމުގެ މަސައްކަތް އަތޮޅުތަކަށް ބަދަލުކުރެވުނީއްސުރެ މެދުނުކެނޑި މި ޚިދުމަތް މުޅިއަތޮޅަށް ދެމުން ގެންދިޔައީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުންނާއި އަދި މިހާރު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުންނެވެ. މިގޮތަށް ހަމަޖެހުމާ ގުޅިގެން މި އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުން އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށެއްގެ ރަށު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތް ލިބިގެން ދިޔައީއެވެ.

މި ޚިދުމަތް ދިއްދޫ ކައުންސިލަށް ބަދަލުވެގެން ދިއުމަކީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހަކަމެކެވެ. ދިއްދޫ ކައުންސިލަށް މި ޚިދުމަތް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވަނީ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރަށް ފެށުނު ހިސާބުންނެވެ.