ސްޕީޗް ތެރަޕީ ބޭނުންވާ ފަރާތްތަތަކަށް ހިލޭ ތެރަޕީ ދިނުމުގެ ޕްރޮގްރާމް ފެށިއްޖެ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން، ހއ.އަތޮޅު ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަމާއެކު ދިއްދޫގައި ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމް ފަށައިފިއެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުގެ ފަރާތުން މި ޕްރޮގްރާމް ހިންގުމަށްޓަކައި ނަން ނޯޓްކުރުމަށް ހުޅުވާލި ފުރުޞަތުގައި 64 ފަރާތެއް ނަން ނޯޓްކޮށްފައިވާ ކަމުގައި އެ ކުލަބުން މަޢުލޫމާތު ދެއްވައެވެ.

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް މިޑްލް ސްޕޯޓްސް ކުލަބުން ކުރިއަށް ގެންދަނީ ކަމުގެ ތަޖުރިބާ ލިބިލައްވާފައިވާ އައިޖީއެމްއެޗްގެ ސްޕީޗް ތެރަޕިސްޓް އައިމިނަތު ސަމާހަތު ޝަރީފް މެދުވެރިކޮށްގެންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން އިތުރު ތިން ސެޝަނެއް ކުރިއަށް ގެންދަން ރާވާފައިވާކަމަށާއި، އެގޮތުން ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 9 ން ފެށިގެން 12 ގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާއި ގުޅޭ ސެޝަނެއް ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ސްކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންގެ އިތުރުން އާންމުންނަށް ބައިވެރި ވެވޭގޮތަށް މި މަހުގެ 21 އަދި 22 ވަނަ ދުވަހުގެ ރޭ ދެ ސެޝަން ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދެ ސެޝަންގައި އުފަންވުމުން ފެށިގެން 5 އަހަރާއި ހަމައަށް ތުއްތު ކުއްޖާގެ ވާހަކަ ދެއްކުމުގެ މަރުޙަލާތަކުގެ ތަފްސީލާއި ކުއްޖާ ވާހަކަ ނުދައްކާނަމަ ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްޕީޗް ތެރަޕިސްޓެއްގެ ލަފައާއި އިރުޝާދު ބޭނުންވެދާނެ އެހެނިހެން ހާލަތްތަކާއި ގުޅޭ މަޢުލޫމާތު ވެސް މި ސެޝަންތަކުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.