ކުޅުދުއްފުއްޓާއި ދިއްދުއާ ދެމެދު ފެރީގެ ޚިދުމަތް ދިނުމަށް ލޯންޗް ދަތުރު ފައްޓަވައި ދެއްވައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ތަޢާރަފްކޮށްފައިވާ ” ފަހިދުވެލި ” ލޯންޗު ދަތުރު ޕްރޮގްރާމްގެ ތެރެއިން ހދ. ކުޅުދުއްފުއްޓާ ދިއްދުއާ ދެމެދު ފެރީގެ ޚިދުމަތް ފަށައިފިއެވެ. 2019 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހާ ގުޅުވައިގެން ފެށުނު މި ފެރީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލް އިދާރާގެ ” ރެހެންދި ” ލޯންޗުގައެވެ.

ފެރީ ނިޒާމް ފެށުމުގެ ގޮތުން މިއަދު ހެނދުނު 7:30 ގައި ދިއްދޫ ބަނދަރުގައި ބޭއްވުނު ރަސްމިއްޔާތު ފައްޓަވައި ދެއްވީ އަތޮޅު ކައުންސިލްގެ މެމްބަރ އަލްފާޟިލް ޢަބްދުﷲ ސިރާޖެވެ. މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ބައެއް ވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ނިޒާމްގެ ތެރެއިން ލޯންޗުގައި ޖާގަ އޮތް މިންވަރަކުން ޓިކެޓް ބައްލަވައި ގަންނަވާ ފަރާތްތަކަށް ދަތުރު ކުރެއްވޭނެއެވެ. ޓިކެޓްގެ އަގަކީ -/300 ރުފިޔާއެވެ.

މި ނިޒާމްގެ ތެރެއިން މިއަދު ދަތުކުރެއްވި ކޮންމެ ފަސިންޖަރަކަށް މާބޮޑިއެއް ހަދިޔާ ކުރެވުނެވެ. ދިއްދޫން ކުޅުދުއްފުއްޓަށް ފުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 7:30 ގައެވެ. އަދި ކުޅުދުއްފުށިން ދިއްދުއަށް ފުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:30 ގައެވެ.

Leave a Reply