ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ ތަސައްވުރު ހއ. އަތޮޅު ތަރައްޤީގެ ޕްލޭންގައި ހިމަނައި، އަތޮޅު ކައުންސިލުން ޕްލޭން ފާސްކޮށްފި

ހއ. އަތޮޅުގެ އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން އެއަތޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމުކުރެވިގެން ދިއުންކަމުގައި އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ.

ހއ. އަތޮޅު ކައުންސިލުން ކުރިއަށްއޮތް 5 އަހަރަށް ތައްޔާރުކޮށްފައިވާ އަތޮޅު ތަރައްޤީގެ ޕްލޭންގައި ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުގެ އިޤްތިޞާދު ކުރިއަށްދާނީ އަތޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވިގެން ކަމުގައި އަތޮޅު ކައުންސިލުން ކުރިއަށްއޮތް ފަސްއަހަރަށް ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭންގައި ކަނޑައަޅައިފިއެވެ.

ހއ. އަތޮޅަކީ، އެއަތޮޅު އުފެދިފައި އޮންނަގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި އޮންނަ އަތޮޅަކަށްވެފައި އެ އަތޮޅުގެ އިހަވަންދިއްޕޮޅަކީ، ދުނިޔޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރު ކުރުމުގައި މައިގަނޑު ރޫޓެއް ކަމަށްވާއިރު މިއީ މި ޕޯޓު ހަދަން އެންމެ ރަނގަޅު ސަރަހައްދު ކަމަށާއި މީގެ ސަބަބުން މި ސަރަހައްދުގެ އެހެން ބައިނަލްއަގުވާމީ ޕޯޓުތަކާއި ރާއްޖެއަށް ވާދަ ކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ކާމިޔާބާއެކު ހިންގިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށްވެސް ފައިދާ ކުރާނެ އެވެ. އެގޮތުން، މި ޕޯޓާއެކު ރާއްޖޭގެ އުތުރުގައި އިގްތިސާދީ ވަރުގަދަ ވިޔަފާރި ހަބެއް ގާއިމް ކުރެވޭނެ އެވެ. މިއާއެކު އެހެން ސިނާއަތްތަކަށް ފުރުސަތު ހުޅުވާލެވި ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ޤުދުރަތީގޮތުން އިހަވަންދިއްޕޮޅު އުފެދިފައިވަނީ އެއްފަޅެއްގައި ގިނަ ރައްތަކެއް ހިމެނޭގޮތަށްކަމަށާއި، އެއައަތޮޅު ހުވަންހަންދޫން ފެށިގެން އިންނަފިނޮޅާ ހަމައަށް އޮތް ބޮޑުފަޅަކީ މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް އެންމެ އެކަށިގެންވާ ތަނެއްކަން ކަމާބެހޭ މާހިރުން ވިދާޅުވެފައި ވެއެވެ.

އަދި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ވިޔަފާރީގެ ދާއިރާ އިން ނެގެން އޮތް ފައިދާއެއް ނެގުން މުހިއްމު ކަމަށާއި ވިޔަފާރި އާއި އިގުތިސޯދު ދަންނަ ބޭފުޅުންވެސް މިކަމަށް ބާރުއަޅުއްވާ އެކި މުނާސަބަތުތަކުގައި ވާހަކަ ދައްކާފައި ވެއެވެ.