ދިއްދޫ ބިޒްނަސް ސެންޓަރުގެ ޚިދުމަތް ފެށިއްޖެ

ހއ. ދިއްދޫ ބިޒްނަސް ސެންޓަރުގެ ޚިދުމަތް ފެށިއްޖެއެވެ. މިސެންޓަރުގެ ޚިދުމަތާ ބެހޭގޮތުން ބޭއްވުނު ފުރަތަމަ ސެޝަން އޮތީ އަތޮޅު ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒް ކުރައްވައިގެންނެވެ. މިހާރު ކުރިއަށްދަނީ ދިއްދޫގައި ހުރި އެކި މުއައްސަސާތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެވެ.

ބިޒްނަސް ސެންޓަރުގެ މައިގަނޑު މަސައްކަތަކީ އެކި ގިންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމާއި، ވިޔަފާރި ކުރިއަށް ގެންގޮސް ދިނުމުގައި ފަންނީ އިރުޝާދު ދިނުމާއި އަދި މީގެ އިތުރުން ވިޔަފާރިއާ ގުޅުންހުރި ލޯން ނެގުމުގައި އެހީތެރިވުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި އެހީތެރިވުމާއި، ބިޒްނަސް ޕްލޭން، ބީއޯކިޔޫ ފަދަ ލިއުންތައް ތައްޔާރުކޮށް ދިނުމާއި، ވިޔަފާރިއާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ހިންގައި ދިނުމާއި، ދިވެހި އުފެއްދުންތައް ” އޮތެންޓިކް މޯލްޑިވްސް ” މެދުވެރިކޮށް ވިއްކޭނެ މަގު ފަހިކޮށް ދިނުމާއި، ވިޔަފާރީގެ ދާއިރާގައި ކަނބަލުންގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

ދިއްދޫ ބިޒްނަސް ސެންޓަރުން ޚިދުމަތް ލިބޭ ރަށްރަށުގެ ތެރޭގައި މިއަތޮޅު ކެލާ، ވަށަފަރު، ދިއްދޫ، ފިއްލަދޫ، އުތީމު، މުރައިދޫ، ބާރަށް ހިމެނެއެވެ. މި ސެންޓަރު ހުންނާނީ ހއ. އަތޮޅު ކައުންސިލް އިދާރާގެ ސީ. ބްލޮކް ގައެވެ. އެއީ މީރާ އޮފީހުގެ ހުޅަނގުގައެވެ. މީގެ ދެވަނަ ސެންޓަރެއް އިހަވަންދޫގައި ވަނީ ހުޅުވިފައެވެ. އިހަވަންދޫ ސެންޓަރުން ޚިދުމަތް ދެއްވާނީ ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، ތަކަންދޫ އަށެވެ.

މިފަދަ ސެންޓަރެއް ހއ. އަތޮޅުގައި ހުޅުވިގެން ދިއުމަކީ، ޒުވާން ވިޔަފާރިވެރިން އުފެއްދުމާއި ކުދި ވިޔަފާރިތައް ހިންގުމުގައި އަތޮޅަށް ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމެކެވެ.