އަތޮޅު ކައުންސިލްގެ ރައީސް ތަޢުލީމީ މަރުކަޒަށް ޒިޔާރަތް ކުރެއްވުން

ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤް ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

ކައުންސިލް ރައީސްގެ މި ބައްދަލުކުރެއްވުމުގައި ސްކޫލަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތައް ބައްލަވައި އެކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ސްކޫލްގެ މެނޭޖްމަންޓާ މަޝްވަރާ ކުރެއްވިއެވެ.

960 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އަތޮޅު ތަޢުލީމީ މަރުކަޒަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ޖާގައިގެ ދަތިކަމާއި، ފަންނީ ޓީޗަރުން ނުލިބުމާއި، ސްކޫލްގެ ލެބަށް ބޭނުންވާ ސާމާނުގެ ދަތިކަމާއި، ފަރުނީޗަރާއި މެސިނަރީޒްގެ ދަތިކަން ހުރިކަން ހިއްސާ ކުރެއްވިއެވެ.

ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި އަތޮޅު ތަޢުލީމީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދިނުމުގައި އަތޮޅު ކައުންސިލްގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ޖެހޭކަމަށާއި އެހެންކަމުން މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދެއްވޭތޯ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ބޭއްވެވި މި ބައްދަލުވުމަކީ، ސިލްސިލާކޮށް މުޅި އަތޮޅުގައި ބާއްވަން ގަސްދުކުރައްވާ ބައްދަލުވުމެއްގެ ފެށުމެއް ކަމަށާއި ކައިރި މުސްތަގުބަލެއްގައި އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުގައި ހުރި ކަންބޮޑުވުންތައްވެސް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި މިހާރު ފެށިފައިވާ 12 ކްލާސް ރޫމާއި އޮފީސް ހިމެނޭ ޕްރޮޖެކްޓް ނިމުމުން ޖާގައިގެ މައްސަލަ ޙައްލުވެގެން ދާނެއެވެ.