ބައިނަލްއަގުވާމީ ޔޮޓް ރެލީގައި ހއ. އަތޮޅުގެ ގިނަ ރަށްތަކެއް
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އަންނަ އަހަރު ބައިނަލްއަގުވާމީ ޔޮޓު ރެލީއެއް ބާއްވާނެކަން މޯލްޑިވްސް އިންޓަގްރެޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު އިއުލާން ކޮށްފި އެވެ.
“ސަވާދީއްތަ ދަތުރު”ގެ ނަމުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ މި ރެލީ އަކީ ހެރިޓޭޖް މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކާޒާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަރަކާތް ލޯންޗު ކޮށްދެއްވީ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ކޯ ފައުންޑާ ސަލާހު ޝިހާބެވެ. މި ރަސްމިއްޔާތުގައި އެމްއައިޓީޑީސީގެ އިސްވެރިންނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
މި ޔޮޓު ރެލީގައި ރާއްޖޭގެ 15 ރަށަކަށް ޔޮޓުތައް ދަތުރު ކުރާނެ އެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ފަޅު ރައްތަށް ވެސް ހިމެނެ އެވެ. އެއީ ހއ. އުލިގަން ، ހއ. ހޯރަފުށި ، ހއ. މަތީރަށް، ހއ. ގައްލަންދޫ ، ހއ. އިހަވަންދޫ ، ހއ. ތަކަންދޫ، ހއ. އުތީމު، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ހދ. ކުޅުދުއްފުށި، ހދ. ކޭލަކުނު، ށ. ފުނަދޫ، ށ. ނަލަންދޫ، ށ. ލަންދޫ އަދި ބ. ތުޅާދޫ އެވެ. މީގެ އިތުރުން ހަނިފަރު ބޭ އާއި ބިލެއްދޫ ތިލައަށް ވެސް ދަތުރުކުރާނެ އެވެ.
“މި ދަތުރުގައި ދާ ރަށްތައް ނެގުމުގައި ވެސް އަޅުގަނޑުމެން ބޮޑުތަކުރުފާނުގެ ހަޔާތުގެ ބައިތައް ދައްކުވައިދޭ އާސާރުތައް ހިމެނޭ ރަށްތަކާއި މިފަދަ ދަތުރެއްގައި ފަސޭހައިން ދަތުރު ކުރެވޭ ރާސްތާއަކަށް ބަލަފާއިވާނެ. މިއީ މި ދަތުރުގައި ބައިވެރިވާ ބައިނަލްއަގުވާމީ ފަރާތްތަކާއެކު މުޅި ދުނިޔެއަށް މި ރަށްތައް އިޝްތިހާރު ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް،” ރާއިދު ވިދާޅުވި އެވެ.
އެމްއައިޓީޑީސީން ވަނީ މިއަދުގެ ރަސްމިއްޔާތުގައި “ސަވާދީއްތަ ދަތުރު”ގެ ލޯގޯ އާއި ވެބްސައިޓު އަދި ލަވަ ވެސް ތައާރަފުކޮށްފަ އެވެ.