ޑިރެކްޓަރ މުޙައްމަދު ނަޞީރު ރިޓައަރ ކުރައްވައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ހއ. ދިއްދޫ ” ތިލަދޫ ” އަލްފާޟިލް މުޙައްމަދު ނަޞީރު އެމަޤާމުން މިއަދު ރިޓައަރ ކުރައްވައިފިއެވެ.

އަލްފާޟިލް މުޙައްމަދު ނަޞީރު ހއ. އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 26 މާރިޗް 1992 ގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭގެފަހުން މުޙައްމަދު ނަޞީރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އަތޮޅު އޮފީހުގެ ސީނިޔަރ ސެކްރެޓަރީކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ ކަމާއި، އަތޮޅުވެރިޔާގެ މުއާވިންކަން ހިމެނެއެވެ.

އަލްފާޟިލް މުޙައްމަދު ނަސީރު ރިޓައަރ ކުރެއްވި އިރު ހުންނެވީ އަތޮޅު ކައުންސިލްގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަލްފާޟިލް މުޙައްމަދު ނަޞީރު މެދު ނުކެނޑި 40 އަހަރަށް ވުރެ ގިނަދުވަހު ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށްޓަކައި އަތޮޅު ކައުންސިލްގެ ނަމުގައި ވަރަށް އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.

އަލްފާޟިލް މުޙައްމަދު ނަޞީރު ސަރުކާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވީ 29 މާރިޗް 1979 ގައި އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީކަމުގެ މަގާމަށެވެ. އޭގެފަހުން އިނގިރޭސި ވިލާތުން ހެޑްމާސްޓަރކަމުގެ ކޯސް ފުރިހަމަ ކުރައްވާ 1981 ގައި ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވިއެވެ. އެ ދާއިރާއިން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރކަމާއި، ށ. ކޮމަންޑޫގައި ހުންނަ އެ އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރކަން ހިމެނެއެވެ.