އުތުރުހިޔާ ޢިމާރާތް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ކޮވިޑް-19 އަށް ޓެސްޓް ކުރާ ލެބޯޓްރީ ގާއިމުކުރުމަށާއި މުހިންމު އެހެން ބޭނުންތަކަށް ހއ. އަތޮޅު ކައުންސިލް އިދާރާގެ ” އުތުރުހިޔާ ” ޢިމާރާތް ހއ. އަތޮޅު ހޮސްޕިޓަލަށް ދޫކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤެވެ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ޢިމާރާތާ ޙަވާލުވެ ސޮއި ކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އަލްފާޟިލް ޢުޘްމާން އަޝްރަފެވެ.

އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި މިވަގުތު މިތަނުގައި ބެހެއްޓެނީ ޖީ.އެން. އެކްސްޕާރޓް މެޝިނެއް ކަމަށާއި މިއީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ކޮންމެހެން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ވަމުންދާ ތައްޔާރިއެއް ކަމަށެވެ. މިގޮތުން މި ޚިދުމަތް މި މަހުގެ ފަނަރައިގެ ކުރިން ފެށިގެން ދާނެކަމަށް ވެއެވެ.

އަތޮޅު ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި ކައިރި މުސްތަގުބަލެއްގައި ޕީ.ސީ.އާރު މެޝިން ލިބޭނެކަމަށާއި މި މެޝިން ލިބުމުން މިތަނުގެ ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުން ހަދަންޖެހޭ ކޮވިޑް ޓެސްޓްތައް ހެދިގެން ދާނެކަމަށެވެ.