އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހއ. އަތޮޅުން ކުށްވެރިކުރުން
ފާއިތުވެދިޔަ ރަމަޟާންމަހުގެ ފަހު ދިހައިގެ ތެރޭގައި މަސްޖިދުލް އަޤްސާއަށް އިސްރާއީލްގެ ހައްދު ފަހަނަޅާފައިވާ ސިފައިން ވަދެގަނެ ހިންގި ޢުދުވާނާ ގުޅިގެން ފަލަސްތީނުގެ އެތެރޭގައި ޚާއްސަކޮށް ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ކުށެއްނެތް އެތައް ބަޔަކު ޝަހީދުވެ އެތައްހާސް ބައެއްގެ ގެދޮރަށް ބޮންއަޅާ ވަނީ ސުންނާފަތި ކޮށްފައެވެ.
މިޢުދުވާނާ ގުޅިގެން ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ އެކުގައިވާކަން ދައްކުވައި ދިނުމުގެ ގޮތުން ސޯޝަލް މީޑީއާ މެދުވެރިކޮށް އެކިއެކި ޝުޢޫރުތައް ފާޅުކޮށް ހާމަކުރަމުންދާ މިދަނޑިވަޅުގައި ހއ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން އަތޮޅު ކައުންސިލުން މިވަނީ މި ޢުދުވާނު ކުށްވެރިކޮށް ނޫސްބަޔާން ނެރެފައެވެ. އަދި ހަމަ މި ޢުދުވާނު ކުށްވެރިކޮށް ހއ. އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކުންވެސް ގެންދަނީ އިސްރާއީލާ ދެކޮޅަށް ނޫސް ބަޔާންތައް ނެރެ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިވާކަން ހާމަކުރަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ބައިނަލްއަޤުވާމީ ގައުމުތަކުން ކުށްވެރި ކުރަމުންދާއިރު ދިވެހި ސަރުކާރުންވެސް ގެންދަނީ މިހަމަލާތައް ކުށްވެރިކޮށް ހުއްޓާލުމަށް ގޮވާލަމުންނެވެ. މިއީ ފަހަކަށް އައިސް އިޒްރާއީލުގެ ސިފައިން ފަލަސްތީނަށް އެންމެ ވަރުގަދަ ހަމަލާތައް ދެމުންދާ ދުވަސްވަރެކެވެ.