އަންހެނުން ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރައްވައިފި

ހުސްވި އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ކުރެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން، މެންބަރުކަމުގެ އިޤްރާރުގައި ސޮއިކުރައްވާ މެންބަރުކަމާ ޙަވާލުވެ ވަޑައިގެންފިއެވެ.

ފުރަތަމަ ފަހަރަށް އިލެކްޝަންސް ކޮމިޝަން މެދުވެރިވެ ވަޑައިގެން ބޭއްވުނު މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރެއްވުން އޮތީ 17 މެއި 2021 ވަނަ ދުވަހު ބޭއްވުނު ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރޭގައެވެ.

މީގެކުރިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުން އޮންނަނީ އެރަށެއްގެ ރަށު ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ. ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނަށް ބަދަލު ގެނައުމާ ގުޅިގެން އިންތިޚާބުގެ ކަންކަން މިހާރު ގެންދަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ވޭތުވެދިޔަ މާޒީއަށް ބަލާއިރު އަންހެނުންގެ ކޮމިޓީގެ ނަމުގައި ކޮންމެ ރަށެއްގައިވެސް ކޮމިޓީއެއް އޮވެއެވެ. އަދި މިދެންނެވި ކޮމިޓީތަކުން، ރަށު ފެންވަރުގައި ކުރަމުންދާ މަސައްކަތް ތަކުގައި ހަރަކާތްތެރި ވެފައިވެސް އެބަހުއްޓެވެ.

އޭރު އެއީ އަންހެނުންގެ ކޮމިޓީގެ ނަމުގައި ވަކި ޤާނޫނެއް އޮވެގެން ކޮމިޓީތައް ހިންގަމުން އައި ދުވަސްވަރެއް ނޫނެވެ. އޭރު އެކަން ކުރަނީ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސަވާ ޤަވާޢިދެއްގެ ދަށުންނެވެ. ނަމަވެސް މިހާރު އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީއަކީ ވަކި ޤާނޫނެއްގެ ދަށުން ބާރުލިބިގެންވާ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތު ޤާނޫނީ ވަކި ޝަޚްސެކެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މައިގަޑު މަޤްޞަދަކީ، އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި އަންހެނުން ބާރުވެރި ކުރުމާއި ސިޔާސީ ކަންކަމުގައި އަންހެނުން ބަސްކިއުމާއި ތަރައްޤީގެ މަގުގައި އަންހެނުން ހަރަކާތްތެރި ކުރުވުން އިތުރު ކުރުމެވެ.

އެހެންކަމުން އަލަށް އިންތިޚާބު ކުރެވުނު އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހަރަކާތްތައް އިތުރުކޮށް އެކަނބަލުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް އުފެދިގެން ދާނެކަމަށް އުންމީދުކުރަމުން އަލަށް ހޮވުނު ކޮމިޓީއަށް މަރުހަބާ ދަންނަވެމެވެ.