އަތޮޅު ކައުންސިލްގެ ރައީސާއި މެންބަރުން ހުވާ ކުރައްވައިފި

17 މެއި 2021 ން ފެށިގެން ކުރިއަށްއޮތް ފަސް އަހަރު ދުވަހަށް އިންތިޚާބު ކުރެވުނު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސާއި މެންބަރުން ހުވާ ކުރައްވައިފިއެވެ.

17 މެއި 20121 ވަނަ ދުވަހުގެ ރޭ 21:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ” ތިލައުތުރު ” މާލަމުގައި ބޭއްވުނު ހުވާ ކުރެއްވުމުގެ މި ދަރުބާރުގައި ހުވާލައި ދެއްވީ އުތީމު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު އާދަމެވެ.

ކޮވިޑް-19 އާއި ގުޅިގެން، އޮންލައިންކޮށް ބޭއްވުނު މި ދަރުބާރުގައި އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤާއި، 13 ރަށުން އަތޮޅު ކައުންސިލަށް ހޮވި ވަޑައިގެންނެވި 13 މެންބަރުން ހުވާ ކުރެއްވިއެވެ. މި ރަސްމިއްޔާތުގައި އިންތިޚާބީ މައްސަލައަކާ ގުޅިގެން ހުވާ ކުރައްވާފައި ނުވަނީ ހަމައެކަނި ފިއްލަދޫ ކައުންސިލްގެ ރައީސެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ހއ. އަތޮޅު ކައުންސިލްގެ މިދައުރުގެ މެމްބަރުންގެ ޢަދަދަކީ 14 އެވެ.  ނިމިދިޔަ 3 ވަނަ ދައުރުގައި އަތޮޅު ކައުންސިލްގެ މެންބަރުންގެ ޢަދަކީ ފަހެކެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަމްބަރ 7/2010 ގައިވާގޮތުން އަތޮޅު ކައުންސިލަކީ އެކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސްފަރާތެވެ.

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކިރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުންނާއި ސަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމުކުރުމެވެ.