އަތޮޅު ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވާ ހޯމަދުވަހުގެ ރޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހަތަރުވަނަ ދައުރަކަށް އިންތިޚާބު ކުރެވުނު އަތޮޅު ކައުންސިލްގެ ރައީސާއި މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މި ހިނގާ މޭ މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 9:00 ގައި ބާއްވާގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަމަޖައްސަވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވަން ހަމަޖެހުނު ދުވަސްވަރަކީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ. މިހާލަތުގައި ހއ. ގެ ވެރިކަންކުރާ ރަށް ދިއްދޫވެސްވަނީ ކޮވިޑްގެ ގިނަކޭސްތަކެއް ފެނި މޮނިޓަރިންގގެ ހާލަތުގައެވެ. އެހެންކަމުން މި ރަސްމިއްޔާތު ބާއްވަނީ އޮންލައިންކޮށެވެ. މި ރަސްމިއްޔާތު އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރެވޭނެއެވެ.

އެނގިވަޑައި ގަންނަވާނެ ފަދައިން ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހާއެކު ހަތަރުވަނަ ދައުރު ވެގެންދާނީ އަތޮޅު ކައުންސިލްގެ މެންބަރުންގެ އަދަދު ރައީސާ ނުލާ 14 އަށް އިތުރުވެގެން ދިޔަ ދައުރެއްގެ ގޮތުގައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ކޮންމެ ރަށެއްގެ ކައުންސިލްގެ ރައީސަކީ އަތޮޅު ކައުންސިލްގެ މެންބަރެކެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ ސާދަ ރަށް އޮވެއެވެ.

ފުރަތަ ދައުރާއި ދެވަނަ ދައުރު ކައުންސިލަރުންގެ ޢަދަދަކީ 10 އެކެވެ. އެއީ ދާއިރާއަކުން 2 މެންބަރުންނެވެ. ތިންވަނަ ދައުރު ކައުންސިލަރުންގެ ޢަދަދަކީ 5 އެވެ. އެއީ ދާއިރާއަކުން މެންބަރެކެވެ. މިއީވެސް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަކުން އައި ބަދަލެކެވެ.

ހަތަރުވަނަ ދައުރުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. ވޭތުވެދިޔަ ދައުރުތަކުގެ މުއްދަތަކީ 3 އަހަރެވެ.